އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވަނީ

އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
އުގައިލް ފައުންޑޭޝަންގެ ބާނީ ޕްރޮފެސަރ ޙަސަން އުގައިލް ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީއާއި އުގައިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހުޅުވުމަށް ތައްޔާރުވަމުންދާ ލައިބްރަރީގެ ބައެއް ފޮޓޯތައް ޓުވިޓަރގައި ހިއްސާކުރައްވާފައެވެ. އާއްމުންނަށް ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މި ލައިބްރަރީ ހިލޭ ބޭނުންކުރެވޭނެކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.
އިންޓަރލެކްޗުއަލް ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ މި ލައިބްރަރީ ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރޯ މޯލުގެ 3 ވަނަ ފަންގިލާގައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން އުގައިލް ފައުންޑޭޝަނުން ބުނީ މި ލައިބްރަރީ އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ތެރޭގައިކަމަށެވެ. ނަމަވެސް އެ ފައުންޑޭޝަނުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ދަ ސަރކަލް ޕްރޮގްރާމް"ގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު އެތަނުގައި ކުރިއަށްދާނެކަމަށް އުގައިލް ފައުންޑޭޝަނުން ބުނެއެވެ.
ފޮތް ކިޔުމަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ލައިބްރަރީން ފޮތްކިޔުމުގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގަޔާވާ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. އަދި އުގައިލް ފައުންޑޭޝަނުން ކުރިއަށްގެންދާ އެކި ކަހަލަ ޕްރޮގްރާމްތައްވެސް މި ލައިބްރަރީގައި ކުރިއަށްދާނެއެވެ. މިތަނުން އެކި ޢުމުރުފުރާގެ މީހުން ގަޔާވާނެ ފަދަ ވާހަކަފޮތްތަކާއި، އެކި ކަންކަމަށް ލޯ ހުޅުވައިދީ، މަޢުލޫމާތުގެ ހަޒާނާ މުއްސަނދިވާނެ ކަހަލަ ފޮތްތައް ހުންނާނެކަމަށް އުގައިލް ފައުންޑޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ