ރައީސް މައުމޫނު ވެރިކަމުގައި ޖަލުގައި ބަޑިޖެހި ހާދިސާގެ ހަގީގަތް ސާފުވާންޖެހޭ: އެމްޑީޕީ

ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުގައި، އީވާން ނަސީމަށް އަނިޔާކޮށް އޭނާ މަރައިލުމާ ގުޅިގެން ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޤައިދީންގެ ތެރެއަށް ބަޑިޖެހި މައްސަލައިގެ ޙަޤީޤަތް ސާފުވާންޖެހޭ ކަމުގައި ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ. މިފަދައިން އެ ޕާޓީން ބުނެފައިވަނީ އީވާން ނަސީމުގެ މަރަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައެވެ. އެ ލިޔުމުގައި ބުނެފައިވަނީ އީވާނުގެ މަރަކީ، މި ސަރުކާރުގައި އެމްޑީޕީއާއެކު ކޯލިޝަން ހައްދަވައިގެން ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ހިންގި އަނިޔާވެރި ޖަރީމާއެއް ކަމުގައެވެ. އަދި އެ ޖަރީމާއަށް ފަހު ޖަލުގައި ޤައިދީން ގަޔަށް ބަޑިޖެހި މައްސަލައިގެ ޙަޤީޤަތް ހޯދިފައިނުވެއެވެ. އެގޮތުން ބަޑިޖެހީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ވެރިންގެ އޯޑަރަށްނަމަ، އެ އޯޑަރުކުރި ބައެއްގެ މައްސަލަ ބަލާފައިނުވާ ކަމުގައި އެ ޕާޓީން ބުންޏެވެ. އަދި ބަޑިޖެހީ އޯޑަރެއް ނެތި ކަމުގައިވާނަމަ އެ ކަމުގެ ތަހުގީގެއް ހިންގައި ޝަރީޢަތްކޮށްފައިނުވާ ކަމުގައެވެ. އެހެންކަމުން އެކަމުގެ ޙަޤީޤަތް ދިވެހިންނަށް ސާފުވާންޖެހޭ ކަމުގައި އެ ޕާޓިން ބުންޏެވެ. އީވާން ނަސީމު ޖަލަށް ލާފައިވަނީ އެއްވެސް ކުށެއް ނެތި އުމުރުން 16 އަހަރުގައި ކަމަށާއި، އޭގެ ތިން އހަަރު ފަހުން ސިފައިން އޭނާ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކޮށް މަރައިލި ކަމަށާއި، އެއަށްފަހު ވަގަށް އޭނާ ވަޅުލަން މަސައްކަތްކުރި ކަމުގައި އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން އެނގުމުން ޖެހިގެން އައި ދުވަހު ޤައިދީ ޖަލުތަކުގައި އިހުތިޖާޖުކުރުމުން އެމީހުން ގައަށް ސިފައިން ބަޑިޖެހި ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ޖަރީމާއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރުން އިންތިޒާމީ ގޮތެއްގައި ކުރަމުން އައި ކަމެއް ކަމުގައިވެސް ބުނެފައިވެެއެވެ. އަދި އެއިރުވެސް ތުންތުން މަތިން މީހުން އަނިޔާގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައިވާ ކަމުގައި ކިޔާ ކަމަށާއި، އީވާނުގެ މަރާއި ވިދިގެން  އައި ދުވަހު ޖަލުގައި ބަޑިޖެހުމަކީ އެ ވާހަކަތައް ދުނިޔެއަށް ޤަބޫލުކުރެވޭ މިންވަރަށް ތިލަވެގެންދިޔަ ހާދިސާތައް ކަމުގައި ބުނެފައިވެއެވެ. އަދި އެއިރުގެ ސަރުކާރަށް ސިޔާސީ އިސްލާހު ގެންނަން މަޖުބޫރުވީ އެކަމުގެ ސަބަބުން ކަމުގައިވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ