މިފަހަރުގެ ވޯލްޑް ކަޕުގައި އާދަޔާޚިލާފަށް ހޫނުގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސެއް

އަންނަ ޖޫން މަހުގެ 11 ގައި ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭއިރު މޫސުން ހުންނާނެ ގޮތާ ބެހޭގޮތުން "ކްލައިމެޓް ސެންޓްރަލް" އިން ހެދި ދިރާސާއަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފިއެވެ. "ކްލައިމެޓް ސެންޓްރަލް" އިން އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން މުބާރާތުގެ ގިނަ މެޗުތަކެއް ކުޅެން ޖެހޭނީ ފުޓްބޯޅަ ކުޅުންތެރިންނަށް އެކަށީގެންނުވާ ފަދަ ގަދަ ހޫނުމިނެއްގައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން 97 މެޗެއް ކުޅެން ޖެހޭނީ "އާދަޔާއި ޚިލާފު މިންވަރަކަށް ހޫނު ގަދަ" ހާލަތްތަކެއްގައެވެ. ވޯލްޑް ކަޕާއި ދިމާކޮށް ހޫނުވާނެ ކަަމަށް ދިރާސާވެރިން ހެދި ދިރާސާގެތެރެއިން... މީގެ ސަބަބުން މެޗުތަކުގައި ކުޅޭ ކުޅުންތެރިންގެ ސްޕީޑް ނުވަތަ ކުޅުމުގެ ބާރުމިން ދަށްވެގެންދާނެ ކަމަށާއި ކުޅުންތެރިން އިތުރަށް ވަރުބަކިވުން ހިމެނޭކަމަށް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދިރާސާ ހަދާފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ސިޓީތަކުގެ ތާރީޚީ މޫސުމީ މައުލޫމާތާއި ފަހަކަށް އައިސް ދުނިޔެ ހޫނުވަމުންދާ މިންވަރަށް ބަލައިގެންނެވެ. ޚާއްސަކޮށް އެމެރިކާގެ ދެކުނު ސަރަހައްދުތަކާއި މެކްސިކޯގެ ސިޓީތަކުގައި ހޫނުމިން އިންތިހާއަށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި މިއާމީ، ހިއުސްޓަން، ޑަލަސް، މޮންޓެރޭ އަދި މެކްސިކޯ ސިޓީ ހިމެނެއެވެ. މި ސިޓީތަކުގެ ހޫނުމިނުގެ ސަބަބުން ކުޅުންތެރިންނާއި، އޮފިޝަލުންގެ އިތުރުން މެޗު ބަލަންދާ ސަޕޯޓަރުންނަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ސައިންސްވެރިން އިންޒާރުދެއެވެ. މި ހޯދުންތަކާ ގުޅިގެން މާހިރުން ލަފާދެނީ ފީފާއިން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ގިނަ މެޗުތައް ރޭގަނޑު ކުޅޭގޮތަށް ތާވަލުކުރުމާއި، ސްޓޭޑިއަމްތަކުގައި ހިޔާލިބޭނެ އިންތިޒާމުތައް އިތުރުކުރުމާއި، އަދި ބޯފެން ފަސޭހައިން ލިބޭނެ ގޮތްތައް ފުޅާކުރުން ހިމެނެއެވެ. މީގެ ކުރިންވެސް ފީފާއިން ވަނީ ހޫނުގަދަ މޫސުމުގައި ކުޅޭ މެޗުތަކުގައި "ކޫލިންގ ބްރޭކް" ނުވަތަ ފެންބުއިމަށް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް އަޅާފައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. 48 ގައުމަކުން ވާދަކުރާ މި މުބާރާތް 16 ސިޓީއެއްގައި ކުރިއަށްދާނެއެވެ. މޫސުމީ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ހުރި ނަމަވެސް، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނަނީ މިހާރު ހުރި ވަސީލަތްތަކާއި ރޭވުންތަކުގެ އެހީގައި މިކަންކަން މެނޭޖްކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. "ދުނިޔެ ހޫނުވުމުގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްބޯޅައަށާއި އެހެނިހެން ކުޅިވަރުތަކަށް ކުރާނެ އަސަރުތަކާ މެދު މިހާރުން ފެށިގެން ދިގު މުއްދަތުގެ ސްޓްރެޓެޖީތަކެއް އެކުލަވާލަން ޖެހޭ،" ކަމަށް މޫސުމީ މާހިރުން ފާހަގަކުރެއެވެ. މި ރިޕޯޓާއެކު ދުނިޔޭގެ ކުޅިވަރު މައިދާނުގައި މޫސުމީ ބަދަލުތަކާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ