ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތް މަޖިލީހުން ބަލަނީ

ކޮވިޑް-19 އާ ދެކޮޅަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ކޮވިޑް-19އާ ގުޅޭ ކަންކަން ބެލުމަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން މިހާރު ފަށާފައިވާ ކަމަށެވެ.
އެކަންކަން ދިރާސާ ކުރުމަށް ކުރީގެ ހެލްތު މިނިސްޓަރުންނާއި ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިސް ބޭފުޅުންނާއި ހެލްތު އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ޕަބްލިކް ހެލްތު ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ކަމާ ގުޅުންހުރި ޖަމްއިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫން ވެސް، މިކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް މަޖިލީހުން ނިންމާފައިވާއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ސަރުކާރުގެ ބައެއް ފިޔަވަޅުތަކަށް ފާޑު ކިޔައިފަ އެވެ. މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކަށާއި ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ގޮތަށް ވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ފާޑު ކިޔާފައިވެ އެވެ.
ލޮކްޑައުން އަށް ލުއި ދިން ފަހުން ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ، ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ