ގާޒީ އެކަހެރި ކުރި މައްސަލައިގައި ތޮލްހަތުގެ ޝަރީއަތް މިއަދު 2 ޖަހާއިރު

2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު ބާއްވަން ނިންމައިފިއެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާ ޝަރީއަތުގެ އަޑުއެހުން އޮންނާނީ މިއަދު މެންދުރުފަހު 2 ޖަހާއިރުއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގީ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އިބްރާހިމް ދީދީ ކަމަށް ވިދާޅުވެ ތޮލްހަތު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ވާހަކަދައްކަވަމުން ތޮލްހަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި އޮޕަރޭޝަން ރާވައު ހިންގީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނަޝީދު ކަމަށެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި ގިރިފުށީގައި އަބްދުﷲ ގާޒީ ބެހެއްޓިކަމަށް އިއުތިރާފުވި ނަމަވެސް ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަންށާއި އަދި ހައްޔަރުކޮށްގެން ގެންގުޅުނު އޮޕަރޭޝަންގެ އެއްވެސް ކަމެއްގައި އެއްވެސް އަމުރެއް އޭނާ ކޮށްފައި ނުވާ ކަމަށެވެ.
އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން، 40 އަހަރު ދުވަަހު ޖަލުގައި އޮންނަން ޖެހުނަސް، ޒިންމާ އުފުލަަން ތައްޔާރުކަމަށް އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ޝަރީޢަތުގެ މަޖިލީހުގައި ވަނީ ހެކިބަސް ދެއްވާފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ، މި ގޮތަށް ތޮލްހަތު ވިދާޅުވީ ގާޒީ ބަންދު ކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން ބޭއްވުނު ބައްދަލުވުމެއްގައި ކަމަށެވެ.ގާޒީ ހައްޔަރު ކުރުމުގެ ކުރިން ބޭއްވުނު ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ދައުލަތަށް ފެންނަ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި، އެގޮތަށް ވިދާޅުވުމުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތަކުންވެސް ދެކޮޅު ހެދިކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ