ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޝަރީއަތް މާދަމާ ހަވީރު ބާއްވަނީ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުންކަމުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރުއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހު ބާއްވާފައި ވާއިރު، ނާޒިމް ވަނީ ދައުވާ އަށް އިންކާރުކުރައްވާފައެވެ. އަދި ނާޒިމް ވިދާޅުވީ ދައުވާއައިގެން އިތުރަށް ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ.
ނާޒިމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގެން އިންނެވި ނަމަވެސް، އޭނާގެ ފަރާތުން ނާޒިމްގެ ވަކީލުކަން ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމު އޭރު ބަލައިގަނެފައި ނުވާތީ، އެދުވަހުގެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު މައުމޫންއަށް ލިބިފައެއް ނުވެއެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ ވަކީލަކު އައްޔަން ކުރަން ނާޒިމަށް ތިން ދުވަހުގެ ފުރުސަތެއް ދީފައެވެ.
ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލާފައިވާއިރު، ނާޒިމާއި އެކުގައި ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށްވެސް ހަމަ މި ދައުވާ ވަނީ އުފުލާފައެވެ. ނަމަވެސް ދައުވާއަށް އިސްލާހު ހުށަހަޅައި، ނާޒިމްގެ އަނބިކަނބަލުންގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ވަދެފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެރޭގެ ވަގުތެއްގައިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެޕާޓްމަންޓު ބަލައި ފާސްކުރިއިރު އެޕާޓްމަންޓު ތެރެއިން ހަނގުރާމަވެރި ހަތިޔާރު ވަނީ ފެނިފައެވެ. ފެނުނު ހަތިޔާރުގެ ތެރޭގައި ފިސްތޯލައަކާއި، ތިން ވަޒަނާއި އައިއީޑީއެއް ހިމެނެއެވެ.
ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ނާޒިމް އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމާއި ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާދިނުމަށް ރަވާފައިވާ ކަމުގެ މައުލޫމާތުތަކެއް އެ ދަބަހުން ފެނުނު ޕެން ޑްރައިވަރުން އެނގި ހާމަވާ ކަމަށެވެ.
އެ ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ހަނގުރާމަވެރި ހަތިޔާރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށް ގެންދާ ގޮތުން، އޭނާގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށް ވިދާޅުވެ، އާއްމުކޮށް ހުޅުވާލައިގެން އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނާޒިމް މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ނާޒިމް ހައްޔަރުކޮށްފައިވަނީ އިތުރު ބަޔަކާއިއެކު ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގި ކަމުގެ ތުހުމަތުގައި ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ ދަންވަރުއެވެ. އަދި ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދުކުރުމެވެ.
ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައަކާއި ތިން ވަޒަނަކާއި އައިޑީއެއް ފެނުނު މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނީ މިމަހުގެ ކުރީކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ