މާލެ ދޫކޮށް ރަށަށް ބަދަލުވާން އީސަ ގޮވާލެއްވި ގޮވާލެއްވުން ނަޝީދު ދިފާއުކުރައްވައިފި

މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ކުލި ދެއްކޭނެ ތަނަވަސްކަން ނެތްނަމަ ރަށަށް ބަދަލުވުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ގޮވާލެއްވި ގޮވާލެއްވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާޢުކުރައްވައިފިއެވެ.
އަތޮޅުތެރޭގެ ރައްޔިތުން އާއިލާގެ ހައްގުގައި މާލެ ދޫކޮށް ރަށަށް ބަދަލުވާން ގޮވާލައްވާ ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުން ގަބޫލުކުރަން ދަތި ތެދު ހަގީގަތް ސިޔާސީ ލީޑަރުން ހާމަކުއްވަން ޖެހޭނެކަމަށެވެ. އެފަދަ ހަގީގަތް ހާމަކުރުމުން ބައެއް އާންމުން ނުރުހުނަސް އެކަން އޮންނާނީ އެހެންކަމަށް ނަޝީދު ވިދާޅުވިއެވެ.
"މެމްބަރު ބޭނުންކުރެއްވި ބަސްތައް ފަހަރެއްގައި އެންމެ އެކަށީގެން ނުވެދާނެ. މެމްބަރު އީސަ އަކީ އާންމުކޮށް ސާފު ބަހުން އެފަދަ ހަގީގަތް ވިދާޅުވާ ބޭފުޅެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މެމްބަރު އީސަ ނަޝީދަށް ގުޅުއްވި ކަމަށާއި ވިދާޅުވީ އެމްޑީޕީ ކުރީގެ ސަރުކާރުގައި ސޫފިލަނޑާ ހައްދާ ޕްރޮގްރާމެއް ފެށިކަމަށާއި މިހާރުވެސް އެކަން ކުރެވޭނޭކަމަށެވެ. އަދި ކެނދިކުޅުދޫ މަދަރުސާ ރަނގަޅުވެފައި ގެތައްވެސް ރަނގަޅުކަން އީސަ ފާހަގަކުރެއްވިކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލެ ނަޝީދު ސިފަކުރެއްވީ ޓައިމް ބޮމެއްގެ ގޮތުގައެވެ. އަދި މިހާރު ފެތުރިގެން މިއުޅޭ ރޯގާ އަކީވެސް ޓައިމް ބޮމެއް ކަމަށެވެ. އެހެންކަމުން ރޯގާއަށްޓަކައިވެސް މާލެ ލުއިކުރަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
Links Embeded
ނަޝީދު މިފަދައިން ވިދާޅުވިއިރު މެމްބަރު އީސަ ކުރިން ދެއްކެވި ވާހަކައަށް އާންމުންގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އަމާޒުވިއެވެ. އެގޮތުން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ގިނަ ރައްޔިތުން ރަށަށްގޮސް ވަންނާނެ ގެދޮރެއް ނެތްކަމާއި ގިނަ ރަށްރަށުގައި ވަޒީފާގެ ފުރުސަތު ނެތްކަން އާންމުން ފާހަގަކުރިއެވެ. މަތީ ތައުލީމު ހާސިލް ކުރެވޭނެ ފެންވަރު ގިނަ ރަށްރަށުގައި ނެތްއިރު ކިޔަވައިގެން ތިބި ޒުވާނުން މަސައްކަތް ކުރާނެ އޮފީހެއް ނެތްކަންވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ