ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ އަދަދު ބައި މިލިއަނަށް

ޕެރިސް (މާޗް 27) - މުޅި ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 527،447 މީހުންނަށް ކޮރޯނާވައިރަސް އަރާފައިވާ އިރު ވަނީ ގާތްގަނޑަކަށް 24،000 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 123،337 މީހުންނެވެ. ކޮރޯނާވައިރަސް މިހާރު ވަނީ 182 ގައުމަށް ފެތުރިފަ އެވެ.
ބަލި އެންމެ ބޮޑަށް ފެތުރޭ އެއް ސަރަހައްދު ކަމަށްވާ ޔޫރަޕުން ވަނީ 250،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. ޔޫރަޕުން އެންމެ ވަރުގަދަ އަށް ކޮރޮނާވައިރަސް ފެތުރެމުން ދަނީ އިޓަލީ އާއި ސްޕޭނުގަ އެވެ. ދުނިޔެ އަށް ބަލާއިރު މިހާރު އެންމެ ހަލުއިކޮށް ފެތުރެނީ އެމެރިކާގަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން ނެގީ 67 ދުވަހެވެ. ނަމަވެސް އެއް ލައްކަ އިން ދެ ލައްކަ އަށް އަރަން ނެގީ 11 ދުވަހެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަސް ތެރޭގަ އެވެ. ތިން ލައްކަ އިން ހަތަރު ލައްކަ އަށް އަރަން ދެ ދުވަސް ނެގި އިރު ހަތަރު ލައްކަ އިން ފަސް ލައްކަ އަށް އެރީ ވެސް ދެ ދުވަސް ތެރޭގަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން އިން ފެނުނު ރޯގާ މިހާރު ވަނީ އެ ގައުމުގައި ކޮންޓްރޯލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ