ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އަންގަވައިފި އެވެ.
މައުމޫން މިހެން އަންގަވާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ރައީސް އޮފީހުން އިއްޔެ ޕީޕީއެމަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
މިސިޓީގެ ޖަވާބުގައި މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކައުންސިލް މިވަގުތު ބޭއްވެން ނެތް ކަމަށެވެ. އެއީ އެ ޕާޓީގެ އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައެއް މެމްބަރުން އިހުތިޖާޖުކޮށް ކޯރަމް ގެއްލުވާލައި ނުކުމެވަޑައިގެން ޕާޓީގެ ރައީސާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައިވާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ޕީޕީއެމް ހިންގުމަކީ އެ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ، މަޝްވަރާ މަންދޫބުން ކަނޑައެޅީ ރައީސަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން،" މައުމޫންގެ ސިޓީގައިވެ އެވެ.
މަޝްވަރާގެ މަންދޫބުންގެ ނަންތައް ފޮނުވަން ޖެހޭނީ ކައުންސިލުން ނިންމައިގެން ކަމަށް ސަރުކާރުން ޕާޓީތަކަށް ކުރިން ފޮނުވި ސިޓީގައި ބުނެފައެއް ނުވެ އެވެ. މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ދެވަނަ ސިޓީއަކުން މިގޮތަށް އެންގީ މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިޝް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ކަމަށް ކަނޑައަޅާ ޕީޕީއެމްގެ އޮފީހުން ރައީސް އޮފީހަށް އެންގި ފަހުންނެެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީ ތަކުގެ މަޝްވަރާގައި ފާރިޝް މައުމޫން ބައިވެރިކުރަން ރައީސް މައުމޫން ނިންމެވިއިރު ޕީޕީއެމްގެ ސުލޫކް ކޮމިޓީން ވަނީ ފާރިޝް އެޕާޓީން ވަކިކުރެވިފައިވާ ކަމަށް ނިންމާފަ އެވެ. އެހެންކަމުން ފާރިޝް އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެންބަރުންނާއި ޕީޖީ ގުރޫޕްގެ ގިނަ މެންބަރުން ގަބޫލެއް ނުކުރައްވަ އެެވެ.
ޕީޕީއެމްގެ ފަރާތުން މީގެ ކުރިން މަޝްވަރާތަކުގައި ބައިވެރިވީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.
ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާގައި ބައިވެރިވުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މި ދެ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން އަދި ކަނޑައަޅާފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ ޕީޖީ ގުރޫޕްގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ބައިވެރިކުރަން ނިންމާފަ އެވެ.
ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުން މިދަނީ މިމަޝްވަރާތައް އެއްވެސް ޝަރުތެއް ނެތި ކުރިއަށް ގެންގޮސް މިހާރު އުފެދިފައި ހުރި މައްސަލަތައް ހައްލުކުރަން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން އަންގާފައިވާ ވަގުތެއްގަ އެވެ.
މަޝްވަރާގައި ބައިވެރިވާ ބޭފުޅުން ކައުންސިލުން ނިންމޭކަށް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ