ޕީޕީއެމްގައި އޮތީ ޕާޓީގެ ރައީސްގެ ފަޅި އެކަނި: މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި ދެ ފަޅި ނެތްކަމަށާ ޕާޓީގައި އޮތީ ޕީޕީއެމްގެ ރައީސްގެ ފަޅި އެކަނިކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ހިޔާލް ތަފާތުވުންތައް އުފެދި ޕީޕީއެމް ދެ ލީޑަރޝިޕެއްގެ ދަށުން ހިންގަމުންދާތީ އެކަމާއި ގުޅޭގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ މި ޓްވީޓްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގައި ދެ ފަޅިއެއް ނެތްކަމަށާ އޮތީ ހަމައެކަނި މެންބަރުން އިންތިޚާބުކުރެއްވި ރައީސް ހުރި ފަޅިކަމަށެވެ. އަދި ޓްވީޓް ނިންމަވާލައްވަމުން ވަން ޕާޓީ ވަން ލީޑަރ މިހެންވެސް އެމަނިކްފާނު ވަނީ ލިޔުއްވާފައެވެ.
ޕީޕީއެމްގައި ދެ ފަޅި ނެތްކަމަށާ ޕާޓީގައި އޮތީ ޕީޕީއެމްގެ ރައީސްގެ ފަޅި އެކަނިކަމަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާއި ހަވާލްކުރައްވާފައެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ރައީސް ޔާމީނަށް ޕާޓީގެ ހިންގުން ހަވާލްކޮށް 24 ގަޑިއިރުގެ ތެރޭގައި ކައުންސިލް ބައްދަލްވުމެއްވެސް ބޭއްވުމަށް އަންގާފައެވެ.
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. މި މައްސަލަ އެކޯޓުން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ރައީސް މައުމޫން މިހާރު ވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.
ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި ޕާޓީ ދެ ލީޑަރޝިޕެއްގެ ދަށުން ހިނގަމުންދާއިރު، ދައުލަތުގެ މުއައްސަސާތަކުންވެސް ވަނީ ކޯޓުގެ ހުކުމާއި އެއްގޮތަށް ބަލައިގަންނާނީ ރައީސް އަބުދުﷲ ޔާމީންގެ ފެކްޝަންކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނީވެސް އެ ފެކްޝަނަށް ފޯމް ހުށައަޅާ ފަރާތްތަކަށް އެކަނިކަމަށް އެ ފެކްޝަނުންވެސް ވަނީ ބުނެފައެވެ.
ޕީޕީއެމްގެ މައި އޮފީސް ރައީސް މައުމޫން ހިންގަމުން ގެންދަވާއިރު، ރައީސް އަބުދުﷲ ޔާމީން ޕީޕީއެމް ހިންގަވަމުން ގެންދަވަނީ ދަރުބާރުގޭގެ މާލަމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ