މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ އަށް މެންބަރުން ވަކި ނުކުރެވޭނެ ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު، ބައެއް މެމްބަރުން ބައިވެރިވެވަޑައިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަށް މެމްބަރުންގެ ވަކީލު ދީނާ ހުސެއިން ވިދާޅުވީ، މިހާރު ހިނގަމުންދާ ގާނޫނު އަސާސީގެ ދަށުން، އާ ރައީސް މުހަންމަދު ނަޝީދަށް ވެސް މެމްބަރުން ވަކިކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ ތަސްދީގު ކުރައްވާ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް، އާ މަޖިލީހެއް ހޮވަންދެން އިންތިގާލީ މަރުހަލާގައި ދެމިއޮންނާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެމްބަރަކު އައްޔަން ކުރައްވައި ވަކި ކުރެއްވުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މީގެ އަސާސީ މައްސަލަ އަކީ. ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައި ނުވާ ބާރެއް ބޭނުން ކުރައްވައިގެން މިހާރު މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެމްބަރުން ވަކިކުރެއްވީ ކަމަށް ވިދާޅުވާ ވިދާޅުވުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ދީނާ ވިދާޅުވި އެވެ. "އެހެންކަމުން މި ކަމުގައި ގޮތެއް ނިންމަވައިދެއްވާނީ ސުޕްރީމް ކޯޓުން ކަމަށް އަޅުގަނޑުމެން މި ދެކެނީ."
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައި ވަނީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ގައިގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.
ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި އެ ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވީ ގާނޫނު ވަކީލުންގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފައިވާ މެމްބަރު އަހުމަދު މަހުލޫފާއި ލުބުނާ މުހަންމަދު ޒާހިރު ހުސެއިންގެ އިތުރުން އަބްދުއް ރަޝީދު ނާފިޒެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ތިން މެމްބަރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ކަމުން ވަކިކުރެއްވީ ކަމަށް ބުނެ އެ މެމްބަރުންނަށް އިއްޔެ މުހަންމަދު ނަޝީދު (ކާނަލް) ގުޅުއްވި ކަމަށެވެ. އެއީ ރައީސް ނަޝީދު އަންގަވައިގެން އެ ބޭފުޅުން ވަކި ކުރެއްވިކަން އެންގުމަށް ކަމަށް ވެސް ކާނަލް ވިދާޅުވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ކާނަލް ގުޅުއްވައި އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
"އަޅުގަނޑަށް ވެސް ގުޅާފައި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކާނަލް އޭ. މަހުލޫފް މިހާރު ތިހިރީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަމުން ވަކިކޮށްފައޭ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މެމްބަރު ކަމަށް ރައީސް ނަޝީދު މެމްބަރުން އައްޔަން ކުރައްވައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
މީގެ އިތުރަށް ލުބުނާ ވިދާޅުވީ ކާނަލް ގުޅުއްވީ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ ބޭފުޅުންނަށް ގުޅައިފައި ވަނީ ރައީސް އޮފީހުގެ ނަމްބަރަކުން ނޫން ކަމަށެވެ.
"އެ ބޭފުޅާ (ކާނަލް)ގެ މޯބައިލް ނަމްބަރުން އަޅުގަނޑުމެންނަށް ގުޅާފައި އޮތީ. އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބި މެމްބަރުން ވަކިކުރާ ވާހަކަ ނުވަތަ ވަކި ކުރިކަން ދަންނަވަން ގުޅާނީ އަމިއްލަ ފޯނަކުން ނޫން. ރައީސް އޮފީހުގެ ނަންބަރަކުން ގުޅަން ޖެހޭނީ. ވަކި ކުރިކަން ލިޔުމުން ވެސް އަންގަންޖެހޭނެ،" ލުބުނާ ވިދާޅުވި އެވެ. "ހަތް މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަމުގެ ހުވާގެ މަތީގައި ތިއްބައި އިތުރު އަށް މެމްބަރަކަށް ހުވާ ލައިދެއްވާނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ."
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެ މެމްބަރުން ވަކިނުކުރެއްވޭނެ ކަމަށް ވެސް އެ ބައްދަލުވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަމަވެސް އާ ސަރުކާރުން ބުނެފައިވާގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ބަދަލުވުމުން، ރައީސްގެ މެމްބަރުން ވެސް ބަދަލުވާނެޖެހޭނެ ކަމަށެވެ. އެއީ އޭރަކު ރައީސުލްޖޫމްހޫރިއްޔާ ތަމްސީލުކުރައްވަން ހަވާލުކުރައްވާނީ އެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިތުބާރުކުރެއްވޭ ބަޔަކަށް ވާތީ ކަމަށް ވެސް އާ ސަރުކާރުން ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަށް މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ