ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ އެއްވެސް މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބުނެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރެއްވި ތިން މެންބަރަކު ހުށަހެޅުއްވި ދައުވާ، ސުޕްރީމް ކޯޓުން އަނބުރާ ބޭރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ، ކުރީގެ ރައީސް އައްޔަން ކުރެއްވި އަދި އާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަކިކުރެއްވި ތިން މެންބަރުން ކަމަށްވާ އަހުމަދު މަހްލޫފާއި އަބްދުއްރަޝީދު ނާފިޒާއި ލުބްނާ މުހައްމަދު ޒާހިރު ހުސެންގެ ފަރާތުން ހުށަހެޅުއްވި ދައުވާ، އެ ދައުވާ ހުށަހެޅުއްވި ދުވަހު (ބުރާސްފަތި ދުވަހު) އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ އަނބުރާ ފޮނުވާލީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ ކޯޓަކުން ނުބުނެ އެވެ.
އެ ތިން މެންބަރުންގެ ވަކީލާ ދީނާ ހުސެން މިއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވާނީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް ދައުވާ އަނބުރާ ފޮނުވާލުމަށްފަހު ސުޕްރީމް ކޯޓުން އެ ބޭފުޅުންނަށް ފޮނުވާފައިވާ ލިޔުމެއްގައި، އެ މައްސަލައަކީ ގާނޫނު އަސާސީގެ 294 ވަނަ މާއްދާ މާނަ ކުރުމުގައި އުފެދިގެން އުޅޭ މައްސަލައެއް ކަމަށް އެނގެން އޮންނަ ކަމަށް ލިޔެފައިވާ ކަމަށް ދީނާ ވިދާޅުވި އެވެ. ގާނޫނު އަސާސީ މާނަ ކުރުމަކީ ހަމައެކަނި ސުޕްރީމް ކޯޓަށް އޮންނަ ކަމެއް ނޫން ކަމަށާއި އެހެންވުމުން އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަންޖެހޭނީ ދަށު ކޯޓަށް ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވާ ކަމަށް ދީނާ ވިދާޅުވި އެވެ.
ދީނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެގެން އެ ގާނޫނު އަސާސީގެ ދަށުން މަޖިލީހުގައި ތިއްބެވި މެންބަރުން ނޫން ކަމަށް އެ ލިޔުމުގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ފިޔަވަޅެއް އެޅޭނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވާ ކަމަށް ދީނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 294 ވަނަ މާއްދާގައި ބުނެފައި ވަނީ، އެ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވައި އިންތިހާބުވި މެންބަރުން މަގާމާ ހަވާލުވެ ވަޑައިގަންނަވަންދެން މި ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ގައިގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައީސްގެ އަށް މެންބަރުން ވަކި ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ދައުވާ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ