ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުކުރައްވަން އެންމެ އަގުހުރި އެއް ދައުރު އަދާކުރެއްވީ މައުމޫން: ނަޝީދު

ދިވެހި ތާރީހުގައި ރާއްޖެ އަށް ޑިމޮކްރަސީ ގެންނެވުމުގެ އެންމެ އަގުހުރި އެއް ދައުރު އަދާކުރެއްވި އެއް ބޭފުޅަކީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ކަމަށް، އިއްޔެ އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރުގެ ރައީސާއި ނޮވެމްބަރު 11 ގައި ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޒުވާން ނަޝީދާ ދެ ބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް މައުމޫން ދައްކަވާފައި ވަނީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ނަމޫނާއެއް ކަމަށެވެ.
"މި ދުނިޔެއަކު ގިނައެއްނުވާނެ މިހާ ދިގު މުއްދަތެއްގައި ވެރިކަން ކުރުމަށް ފަހު ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާގައި ރައްޔިތުންގެ ނިންމުން ނިންމީމައި އެއަށް ތަބާވެ ބޯލަނބާ އޮމާންކަމާ އެކު ވެރިކަން ބަދަލުކުރުމަށް ނިޔަތް ގަނެ އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާ ވެރިން،" ނަޝީދު ވިދާޅުވި އެވެ.
"ރައީސް މައުމޫން ނިންމެވި ނިންމެވުންތަކުން ދިވެހި ތާރީހުގައި ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުކުރުމުގައި އެންމެ އަގުހުރި އެއް ދައުރު އަދާކުރެއްވީ އެބޭފުޅާކަން ހަމަ ޔަގީނުން ކަށަވަރު."
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ހާއްސަ ޕޯޑިއަމްގައި ހުންނަވާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރައީސް މައުމޫނަށް ރާއްޖޭގެ ފެންވަރުން އެންމެ ރަނގަޅަށް ހިމާޔަތާއި ދިރިއުޅުއްވޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ޕެންޝަން ހަމަޖައްސަވައި ދެއްވުން ވެސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަޅުގަނޑު ދަންނަވަން އޮތީ "ވީހާވެސް އަވަހަކަށް އެކަންކަން ނިންމަވާ ދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް މައުމޫނަށް ނުހަމަ އެއްވެސް ކަމެއް މެދުވެރިނުވާ ގޮތަށް ނަޝީދުގެ ސަރުކާރަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ. އެ ދާއިރާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުން ބިނާވެފައި އޮންނާނީ ރައީސް މައުމޫނާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނެ އެ ހިތްވަރު ހުންނަން،" ނަޝީދު ވިދާޅުވި އެވެ. "ކާމިޔާބުގައި ހިތް ތިރިކުރުމަކީ ކޮންމެހެން އަޅުގަނޑަށް ކުރަން ޖެހޭ ކަމެއް. ނާކާމިޔާބުގައި ހިތްވަރު ގަދަކުރުމަކީ ވެސް އަޅުގަނޑުމެންނަށް ލާޒިމް ކަމެއް."
އިންތިހާބުގެ ނަތީޖާ ލިބިވަޑައިގަތުމުން ރައީސް މައުމޫން ދެއްކެވި ނަމޫނާގައި ހިފެހެއްޓުމަށް ނަޝީދު ރައްޔިތުންގެ ކިބައިން ވެސް އެދިވަޑައިގަތެވެ.
"ރައީސް މައުމޫން ދައްކަވާ ނަމޫނާ އެންމެން ބަލައިގަންނަން ޖެހޭ. އެމަގުގައި ކުރިއަށް ދެވިއްޖެއްޔާ އޮމާންކަމާ އެކު އާ ސަރުކާރެއް ގާއިމްކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ނަޝީދަށް ޖަލުގައި ލިބިވަޑައިގެންނެވި އަނިޔާތަކާ ބެހޭ ގޮތުން ބޭރުގެ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް އެމަނިކުފާނު ވިދާޅުވީ "މާޒީގައި ހިނގާފައިވާ ކަންތައްކުގެ ފަހަތުން ދިއުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކުރިއަށް ފިޔަވަޅު އެޅުން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ