ޔޮޓް ޓުވާސް އަށް ހެރަތެރަ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ހެރަތެރަ އައިލެންޑް ރިސޯޓް، ޔޮޓް ޓުއާސް މޯލްޑިވްސް އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެމްޓީޑީސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި 546 އެނދުގެ ރިސޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހެވެ. ޔޮޓް ޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ޖާބިރެވެ.
އެމްޓީޑީސީ ބުނި ގޮތުގައި އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 20 އަހަރު ދުވަހަށް ހެރަތެރަ ކުއްޔަށް ހިފުމަށް ދައްކަން ޖެހޭ އެޑްވާންސް ކުއްޔާއި ރަށުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލި ޔޮޓް ޓުއާސް އިން ވަނީ ދައްކައިފަ އެވެ.
ހަތަރު ފަރާތަކުން ބައިވެރިވި ހެރަތެރައިގެ ބީލަން ޔޮޓް ޓުވާސް އިން ކާމިޔާބުކުރީ އަހަރަކު އެނދަކަށް އެވަރެޖްކޮށް 196` 18 ޑޮލަރުގެ ކުއްޔެއް ހުށަހަޅައިގެންނެވެ. އެ ރަށުގެ އެޑްވާންސް ކުލީގެ ގޮތުގައި 10.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 136.2 މިލިއަން ރުފިޔާ) އާއި ރަށުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލީގެ ގޮތުގައި 2.48 މިލިއަން ޑޮލަރު ( 31.9 މިލިއަން ރުފިޔާ) ޔޮޓް ޓުއާސް އިން ވަނީ އެމްޓީޑީސީ އަށް ދައްކައިފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީޑީސީ އިން ބުނީ ޔޮޓް ޓުއާސް އަކީ ހެރަތެރަ ހިންގޭ ވަރުގެ ގާބިލުކަން އޮތް ކުންފުންޏެއް ކަމަށާއި އެމްޓީޑީސީގެ މަގުސަދުތައް ހާސިލުވާ ގޮތަށް ޔޮޓް ޓުއާސް އިން ހެރަތެރަ ހިންގާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
އެމްޓީޑީސީން ބުނި ގޮތުގައި ހެރަތެރަ ޔޮޓް ޓުއާސް އާ ހަވާލުކުރެވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ ހެރަތެރަ އަށް ޓޫރިސްޓުން ގެންދެވޭނެ ގޮތްތަކެއް ހަމަޖައްސައި، ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށެވެ.
"އެންމެ ބޮޑު ޗެލަންޖަކަށް ވާނީ ޓޫރިސްޓުން ގެނައުން. ޓޫރިސްޓުން ގެނެސްގެން ޓޫރިސްޓުންނަށް ހިދުމަތްތަކެއް ދީގެން މީތި ވިޔަފާރިއަކަށް ވާނީ. އެއާ ގުޅިގެން ވަޒީފާ އަށް މީހުން އަންނާނީ. އެއާ ގުޅިގެން ކޮންޓްރެކްޓްތައް ވެސް މީހުންނަށް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
ގއ. އަދި ގދ. އަތޮޅުގައި ވެސް ދެ ރިސޯޓް ތަރައްގީކުރައްވަމުން އަންނަ ޖާބިރު ވިދާޅުވީ ހެރަތެރައިގެ އިތުރުން ޖޭ ހޮ ޓެލްސް (ޖޮޓް ޓުވާސްގެ ސަބްސިޑަރީ ކުންފުންޏެއް) ގެ އެ ދެ ރިސޯޓު އެ ސަރަހައްދުގައި އޮތުމަކީ ހެރަތެރަ ހިންގުމަށް ފަސޭވަ ވެގެންދާނެ ކަމެއް ކަމަށެވެ.
"ނަތީޖާއަކަށް ވާނީ ތަފާތު ތިން ޕްރޮޑަކްޓް ކޮމްބައިންކޮށް ވިއްކޭނެ. ސްޓާފް މޫވްމަންޓާއި ލޮޖިސްޓިކް ފަސޭހަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ހެރަތެރައިގެ މޫދު ވިނައިގެ މައްސަލަ އާއި އެނޫން މައްސަލަތައް އަމިއްލަ އަށް ހައްލުކުރައްވާނެ ކަމަށާއި ނަމަވެސް އައްޑު އަތޮޅުގެ އެއާޕޯޓަކީ ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަކީ ސަރުކާރުން ކޮށްދެއްވަން ޖެހޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން. ބާކީ ހުރި ޗެލަންޖުތައް ސަރުކާރު ތެރެއިން ޑރ. ޝައުގީ (ޓޫރިޒަމް މިނިސްޓަރު) ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވަނީ. އަޅުގަނޑުގެ މާބޮޑު ހާސްކަމެއް ނެތް މިކަން ކުރުމަކަށް،" އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ހެރަތެރައިގެ ނަން ކިލަނބުވެފައިވުމާ ގުޅިގެން އެރަށް "ހަނދުފުށީ" ގެ ނަމުގައި ބްރޭންޑްކުރަން ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު 15 ޕަސެންޓް އޮކިޔުޕަންސީއެއް އޮތް ރިސޯޓުގައި ހުރި ވަރަށް ގިނަ ކަންތައްތައް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ރަނގަޅު ކުރައްވަން އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރިސޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ހެރަތެރައިގެ ވަޒީފާގައި ތިބި 400 ވަރަކަށް މުވައްޒަފުންގެ ތެރެއިން އެކަކު ވެސް ޔޮޓް ޓުއާސް އިން ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހެރަތެރަ އަކީ އައްޑު އަތޮޅުގެ މީހުންނަށް ކޮށްދޭ ވިޔަފާރިއެއް ނޫން ކަމަށާއި އެއީ ޔޮޓް ޓުއާސް އިން ކުރާ ވިޔަފާރިއެއްކަން ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ