ރައީސްގެ ވިސްނުންފުޅަކީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ކުރިއަށް ދިއުން: ޕްރެސް ސެކްރެޓަރީ

ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ކުރިއަށް ވަޑައިގަތުން ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވެއްޖެ އެވެ.
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ހުށަހެޅުއްވި މައްސަލައިގެ ހުކުމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅު ހާމަކޮށްދެއްވަމުން ޒުހައިރު ވިދާޅުވީ "އެ ހުކުމަށް އިހުތިރާމް ކުރައްވާ" ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު މި ހުކުމާ މެދު ހުންނާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ހުކުމާއެކު ސަރުކާރުން ކުރިއަށް ދިއުން. އެކަމަކު އަޅުގަނޑުމެން ބޭނުންވާނެ އެ ހުކުމް މުތާލިއާ ކުރަން. މިހާރުން މިހާރަށް ސަރުކާރުން ފަށާނަން ހުކުމް މުތާލިއާ ކުރަން،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް އިސް ވެރިން ވަޑައިގެންވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ހަފުލާ އަށް ލ. އަތޮޅަށެވެ. އަދި ހުކުމް އިއްވިއިރު އެ ބޭފުޅުން ތިއްބެވީ އެ ރަސްމިއްޔާތުގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެފައި ވަނީ ރުހުން ނެތް ވަޒީރުންނަށް ރުހުން ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ވަޒީރުން އައްޔަންކުރެއްވުމުގެ މަސްއޫލިއްޔަތު އެހެން ފަރާތަކަށް ލިބިދީފައިނުވާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ރުހުން ނުލިބެނީ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އަދި ބަންޑާރަ ނާއިބު އަހުމަދު އަލީ ސަވާދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ