ޑީއާރުޕީގެ ކެމްޕޭންގައި މައުމޫން ބައިވެރިވެވަޑައިގަތުމަށް ހާއްސަ ހަފުލާއެއް ބާއްވަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ރަސްމީކޮށް ފަށާފައިވާ ކައުންސިލް އިންތިހާބުގެ ޑީއާރުޕީގެ ކެމްޕޭންގައި އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަތުމަށް ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފި އެވެ.
މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު )މުންދު( މިއަދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް ކެމްޕޭންކޮށްދެއްވުމަށް، މި މަހުގެ ތެރޭގައި އެންމެ ފުޅާ ދާއިރާގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތުމާ އެކު، އެންމެ ފުރަތަމަ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މާލޭގައި ތިއްބެއްވި ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުން ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެ ހަފުލާ ބާއްވާނެ ތަނެއް އަދި މުޅިން ހަމައެއް ނުޖައްސަ އެވެ.
"ކެންޑިޑޭޓުންނާ ބައްދަލުކޮށްލެއްވުމުގެ ނިޔަތުގައި ހަފުލާއެއް މިހާރު އިންތިޒާމް ކުރަމުން މިދަނީ. އޭގެ މައިގަނޑު މަގްސަދަކީ މާލޭގެ ޑީއާރުޕީ ކެންޑިޑޭޓުންނާއި މާލޭގައި ތިއްބެވި [އެހެން ދާއިރާތަކުގެ] ކެންޑިޑޭޓުންނަށް ވެސް ޒައީމާ ބައްދަލުކޮށް މަޝްވަރާކޮށްލުމުގެ ފުރުސަތެއް އެރުވުން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހަފުލާ އަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އިތުރުން ޑިޕިއުޓީ ލީޑަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އާއްމު މެމްބަރުންނަށް ވެސް ދައުވަތު ދެއްވާނެ އެވެ.
"ބައިވެރިވެވަޑައިގަތުން އެއީ އެބޭފުޅުންގެ ކަމެއް ދެއްތޯ؟ ޒައީމް ފަރާތްޕުޅުން ހުރިހާ ބޭފުޅުންނަށް ވެސް ސިޓީއަކުން ދައުވަތު އަރުވާނެ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އިންތިހާބަށް މިއޮތް ދުވަސްތަކުގައި، ޑީއާރުޕީގެ ކެމްޕޭނަށް ޒައީމް ހަތަރު ވަރަކަށް ދަތުރު އަތޮޅުތަކަށް ކުރައްވާނެ ކަމަށެވެ. ޒައީމް ވަޑައިގަންނަވާނެ ރަށްތަކެއް އަދި ފައިނަލް ނުވި ނަމަވެސް މަޝްވަރާތަކަށް ފަހު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރަށްތައް ކަނޑައަޅުއްވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އިންތިހާބުގެ ވަގުތަށް ބަލައި، މުންދު ވިދާޅުވީ، އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ސަރަހައްދުތަކަށް އިސްކަންދެއްވާނެ ކަމަށެވެ.
"އަޅުގަނޑަށް އެކޮމޮޑޭޓް ނުކުރެއްވޭވަރަށް ރިކުއެސްޓް އެބަ އާދޭ. މި ރަށަށް ވަޑައިގެންދެއްވާށޭ، ޒައީމް ވަޑައިގެންފިއްޔާ ޔަގީނޭ ތިމަންނަ ހޮވޭނެކަން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ކަމެއް. އެކަމަކު ވަގުތު ތަންދިން މިންވަރަކުން ދަތުރުފުޅު ކުރައްވާނެ،" މުންދު ވިދާޅުވި އެވެ.
ޕާޓީ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ނައްތާލުމަށް ޑީއާރުޕީގެ ލީޑަޝިޕާ އެކު މައުމޫން މަޝްވަރާކުރެއްވިތޯ ދެންނެވުމުން މުންދު ވިދާޅުވީ "ތިޔަ ކަމުގައި ވެސް ޒައީމް ގެންގުޅުއްވާނީ ހަމަހަމަ ކަމުގެ އުސޫލު" ކަމަށެވެ.
ޒައީމްގެ ވިސްނުންފުޅު ހުރީ މަޝްވަރާކޮށްގެން އެއްބައިވަންތަކަމާ އެކު ކަންތައްތައް ނިންމެވުމަށް ކަމަށާއި އެކަމަކު މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ، ކައުންސިލް އިންތިހާބަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"މިހާރު ޕާޓީ އަށް ކުރިމަތިގެން އުޅޭ [ހިޔާލުތަފާތުވުމުގެ] ކަންތައް ކުރިމަތިވުމުގެ ކުރިން ވެސް ޒައީމް އެބަ އޮތް ސީދާ އެ ބޭބޭފުޅުންނަށް ދަންނަވާފައި ތިހެން ތިކަންތައްތައް ނުކުރައްވާށޭ. އެހެންވީމަ އޭރު އެބޭފުޅުން ޒައީމްގެ އެޑްވައިސް ނެންގެވި ނަމަ މި ދުވަސް ނައީސްކަންނޭނގެ،" މުންދު ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ހުނެނެވުމަށް ފަހު، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޒައީމް މައުމޫން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ކުރުމަށާއި ޕާޓީގެ އެއްބައިވަންތަކަމަށާއި ކުރިއެރުމަށް މަސައްކަތް ކުރައްވުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ