އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި 25 ޑޮލަރާއި އިންޝުއަރެންސް ޗާޖުގެ ގޮތުގައި ދެ ޑޮލަރު ޖީއެމްއާރުން ނަގާތީ އެކަން ހުއްޓުވައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ހިނގައްޖެ އެވެ.
އެއާޕޯޓް ސާވިސް ޗާޖާއި އިންޝުއަރެންސްގެ ގޮތުގައި ޖީއެމްއާރުން ފައިސާ ނަގަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ ގޮތަށް ޓެކްސް ނެގުމަށް ފިނޭންސް މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށް ބުނެ އެ މައްސަލައިގައި ދައުވާކުރަނީ ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހެވެ.
މިއަދުގެ އަޑުއެހުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ނިންމާލެއްވީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދައުވާ ކުރާ ފަރާތަށް އަދި ދައުވާ ލިބޭ ފަރާތަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުލާސާ ބަޔާނަށްފަހު ދެން ބާއްވާނީ ހުކުމް ކުރުމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ބަޔާން ހުށަހެޅުމެވެ. ދައުލަތުގެ ވަކީލާ އައިޝަތު ޝީޒާ މިއަދު ވެސް މައިގަނޑު ގޮތެއްގައި ދައްކަވާފައި ވަނީ މީގެ ކުރިން ވެސް ހަމަ އެ މައްސަލައިގައި ދައްކަވާފައިވާ ވާހަކަތަކެވެ.
ވަކީލާ ވިދާޅުވީ ޖީއެމްއާރުން ނަގާ 25 ޑޮލަރަކީ ޓެކްސެއް ނޫން ކަމަށާއި ޓެކްސެއްގައި ހުންނަންޖެހޭ އެއްވެސް ސިފައެއް އޭގައި ހަމަނުވާ ކަމަށެވެ. އަދި ވިދާޅުވީ ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ ދެ ޑޮލަރުގެ ޗާޖަކީ "ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް" ނެގުމާ ބެހޭ ގާނޫނުގެ ދަށުން ނަގާ ފައިސާއެއް ކަމަށެވެ.
އިމާދު ސޯލިހު ވެސް މިއަދު ހަމަ ދެއްކެވީ މީގެ ކުރިން ވެސް ހަމަ އޭނާ ދައްކަވާފައިވާ ވާހަކަތަކެވެ. އޭނާ ވިދާޅުވީ ޖީއެމްއާރާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕް ކުރުމަށް ވެސް އެއްވެސް ޗާޖެއް ނެގޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން ގާނޫނެއްގައި ބަޔާންނުކޮށް އެފަދަ އެއްވެސް ޗާޖެއް ނުނެގޭނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
ރާއްޖެއިން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނެގުމަށްޓަކައި ޓިކެޓުގައި އެ ޗާޖު ހިމެނުމަށް ޖީއެމްއާރުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން އެކަމާ ދެކޮޅު ހެދުމުން އެއާޕޯޓް ކައުންޓަރުތަކުން އެ ފައިސާ ނެގުމަށް ޖީއެމްއާރުން ވަނީ ނިންމައިފަ އެވެ.
ޖީއެމްއާރުން ނަގާ 25 ޑޮލަރުގެ މައްސަލަ ކޯޓުން ނިމުމަކާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ