ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުންނާއި އެމްޑީޕީ އަދި ޑީއާރުޕީ ތެރެއިން ކުރިމަތިލާން ޖެހުނު ކޮންމެ ހުރަކާ ކުރިމަތިލައްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ހުރާގެ ޑީއާރުޕީ ގޮފިން އިންތިޒާމް ކޮށްގެން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ލޯކަލް އިންތިހާބު އެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ ވެސް ވަރަށް ގިނަ ހުރަސްތަކާ އެކުގައި ކަމަށެވެ. އަދި އެ ތަޖުރިބާގެ އަލީގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވެސް ޖެހިލުމެއް ނެތި ހުރަސްތަކާ ކުރިމަތިލައްވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ކުރިއަށް މިއޮތް އިންތިހާބު ކާމިޔާބު ކުރުމުގައި ވެސް މިއަދުގެ ސަރުކާރުން ކަމުގައި ވިޔަސް އެމްޑީޕީގެ ފަރާތުން ކަމުގައި ވިޔަސް އަދި އަޅުގަނޑުމެންގެ ޕާޓީގެ އެތެރެއިން ކަމުގައި ވިޔަސް ކުރިމަތިލާން ޖެހުނު ކޮންމެ ހުރަހަކާ ކުރިމަތިލައި މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު އެއްވެސް ޖެހިލުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ބޭފުޅުންނަށާއި ދިވެހިރާއްޖޭގައި ތިބި ޑީއާރުޕީގެ ލޮބުވެތި މެމްބަރުންނަށް ކަށަވަރުކޮށް އަރުވަން،" ތަސްމީން ވިދާޅުވި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ވިދާޅުވީ ހުރިހާ ހުރަސްތައް ގިރާކުރައްވައި ރިޔާސީ އިންތިހާބާ ކުރިމަތިލައްވަނީ އެއީ ޑީއާރުޕީ މެމްބަރުން އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކަށް ވާތީ ކަމަށެވެ.
"އަންނަން އޮތް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖިއްޔާ ދެން އަޅުގަނޑުމެން ދައްކާނެ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ،" ތަސްމީން ވިދާޅުވި އެވެ. "މިހާރު މިހިރަ ހާލަތަށް ވުރެ އެތައް ގުނައަކަށް ހާލަތު ދަށަށް ދާނެ. އެހެންވީމަ އެކަން ވިޔަ ނުދިނުމަށްޓަކައި ކުރަން އޮތް ކަމަކީ އިންތިހާބު ކާމިޔާބު ކުރުން. އެހެންވީމަ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަޅުގަނޑު ފަހެއް ނުޖެހޭނަން. ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން."
ތަސްމީން އަދި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ގައުމީ ޕާޓީއާ އެކު މަސައްކަތް ކުރުމަށް ކޯލިޝަން ހެދުމަށް އެއްބަސްވުމަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެޅުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަކީ ދައުލަތުގެ ބާރާއި ނުފޫޒު ސިޔާސީ ބޭނުމަށް ބޭނުން ކުރަމުންދާ ސަރުކާރަކަށް ވާތީ ސަރުކާރު ބަލިކޮށްލެވޭނީ "ވާހާ ގިނަ ފަރާތްތައް އެކުގައި މަސައްކަތް ކޮށްގެން" ކަމަށެވެ.
"ވީމާ އަޅުގަނޑުމެންނާއި ގައުމީ ޕާޓީ ގުޅުން ވެގެންދާނީ މި ދެންނެވި މަގުސަދު ހާސިލްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް،" ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑު ދެން މިރޭ ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި މިއަދު މި އޮތް ސަރުކާރު ބަލިކޮށްލުމުގެ މަސައްކަތުގައި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ދޮރު ވަނީ އަޅުގަނޑުމެންގެ ހިޔާލާއި ފިކުރަށް ތާއީދުކުރާ ހުރިހާ ޕާޓީތަކަށާއި ހުރިހާ ބޭފުޅުންނަށް، ފަރުދުންނަށް ވެސް ހުޅުވާލެވިފައޭ. އެ ފުރުސަތުގެ ބޭނުން ކުރައްވާށޭ. އޭރުންނޭ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައްގުގައި މިކުރާ މަސައްކަތް ކާމިޔާބު ވެގެންދާނީ."
ތަސްމީން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ދަތި ހާލުގައި މިއަދު އުޅެން ޖެހިފައި ވަނީ 2008 ގެ ރިޔާސީ އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ނުކުރެވުމުންނެވެ. އަދި އެ ނާކާމިޔާބީގެ އަގު ރައްޔިތުން ދައްކަން ޖެހިފައިވާ ކަމަށް ވެސް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކޮންމެ ހުރަހަކާ ވެސް ކުރިމަތިލާނަން: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ