ބ. ތުޅާދޫ ބަނދަރުގެ މައްސަލަ ބެލޭނީ އެ ރަށު ކޯޓަށް ކަމަށް ކަނޑައަޅައި އެ މައްސަލަ އިއްޔެ ސިވިލް ކޯޓުން ބޭރުކޮށްފި އެވެ.
ތުޅާދޫ ބަނދަރު މައްސަލައިގައި އެ ރަށު ހަވޭލި، މޫސާ ހުސައިން ކުރާ ދައުވާގައި ބުނެފައިވަނީ ބަނދަރު ރަށުގެ ހުޅަނގަށް 450 ފޫޓަށް ޖެއްސުމަށް ފަހު ކޮނެފައި ވަނީ އެންވަޔަރްމެންޓް އެސެސްމެންޓް ރިޕޯޓާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އެ ސަރަހައްދަށް ފަސްއަޅައި ކުރިން އޮތް ގޮތަށް ހެދުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.
ގާޒީ އަލީ ރަޝީދު ހުސައިން އިއްޔެ ކުރެއްވި ހުކުމުގައި ބުނެފައިވަނީ އެ ރަށެއްގެ ބިމުގެ މައްސަލަތައް އެންމެ ފުރަތަމަ ބަލާނީ އެ ރަށެއްގެ ކޯޓުން ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ރަށުގެ އުރަފަށުން ތިލަވި ހިސާބުން ފެށިގެން ފަރާއި ފަޅުތެރެ ވެސް ރަށުގެ ބިމުގެ ތެރޭގައި ހިމެނޭ ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ބަނދަރުގެ މައްސަލައިގައި ތުޅާދޫ ބަޔަކު މުޒާހަރާކުރަނީ: ސިވިލް ކޯޓުގެ ބުނަނީ އެ ރަށެއްގެ ފަޅާއި ފަރު ވެސް ބެލެވޭނީ ބިމުގެ ބައެއްގެ ގޮތުގައި ކަމަށް. -- ހަވީރު ފައިލް ފޮޓޯ އެ ހުކުމުގައި ބުނެފައިވަނީ ރަށުގެ ޗަކަ ބިމާއި ކުޅިތައް ހިއްކައިގެން ގޯތި ދޫކުރާ ފަދައިން ރަށުގެ ފަޅު ތެރެއިން ވެސް ކަޑަ ޖަހައިގެން ގޯތި ދޫކޮށް، އެ ތަންތަން ހިއްކައިގެން ގެދޮރު އަޅައިގެން ގިނަ ރަށްތަކެއްގައި އުޅެމުންދާ ކަމަށެވެ. އެހެންކަމުން ރަށުގެ ފަޅާއި ފަރަކީ ބިމުގެ ބައެއް ކަމަށް އަމަލީ ގޮތުން ވެސް ގަބޫލުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ތުޅާދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ މަރުހަލާ އާއި އެ މަސައްކަތުގެ ނަތީޖާ ވެސް ވެގެންދާނީ ރަށުގެ ބިމާ ގުޅުން ހުރި ކަމަކަށް ކަމަށާއި އެކަމުގެ މައްޗަށް ހިނގާނީ ބިމާ ބެހޭ ގާނޫނު ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
"ކޯޓުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު ފަހެއްގެ ތިން ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުން މި މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާކަން އެނގެން އޮތުމުން މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފިން،" ގާޒީ އަލީ ރަޝީދު ހުސައިންގެ ހުކުމުގައި ބަޔާންވެގެންވެ އެވެ. މި މައްސަލައިގެ ޝަރީއަތް ފަށާފައި ވަނީ ބަނދަރުގެ މަސައްކަތް ނިމުނު ފަހުންނެވެ. ޝަރީއަތް ލަސްވާން ދިމާވީ މައްސަލަ ހުށަހެޅި އިރު ދައުވާކުރި ފަރާތުން ވަގުތީ އަމުރަކަށް އެދިފައި ނުވުމާއި އަވަސް މައްސަލައެއްކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައި ނުވުމާއި ދައުވާކުރި ފަރާތުން ޗުއްޓީއެއް ވެސް ނަގާފައި ވުމުން ކަމަށް ކޯޓުން ބުންޏެވެ.
ތުޅާދޫ ބަނދަރުގެ މައްސަލަ ބެލޭނީ ރަށު ކޯޓަށް ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ