ޕާކިސްތާނަށް އެހީވުން: ބައިބަޔަށް ފައިސާ ހަވާލުކުރަން އެމްއެމްއޭ އިން ލަފާދީފި

ޕާކިސްތާނުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައި ރާއްޖެ އިން އެއްކުރި ފައިސާ އެއް ފަހަރާ ދިނުމުގެ ބަދަލުގައި ބައިބަޔަށް ބަހާލައިގެން ޕާކިސްތާނަށް ދިނުމަށް ސެންޓްރަލް ބޭންކް އެމްއެމްއޭ އިން ލަފާދީފައިވާ ކަމަށް ޕީކޭ ރިލީފް ފަންޑުން މިއަދު ބުނެފި އެވެ.
އަވަށްޓެރި ޕާކިސްތާން ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ ޕީކޭ ރިލީފް ފަންޑުގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި މިހާތަނަށް އެ ފަންޑަށް ޖަމާކޮށްފައިވާ 3.6 މިލިއަނަށް ވުރެ ރުފިޔާ ޕާކިސްތާން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމްއެމްއޭގެ އިރުޝާދަށް ވަރަށް ބޮޑަށް ބައްލަވާނެ އެވެ.
"އެމްއެމްއޭ އިން އިރުޝާދު ދީފައި ވަނީ އެއްފ ަހަރާ ފައިސާ ދިނުމުގެ ބަދަލުގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދިނުމަށް. އެއީ ކުރިއަށް އޮތީ ހައްޖު މޫސުމަށް ވެފައި ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރަށް ދާނެތީ. އެހެންވެ ބޭރު ފައިސާ އަށް ބަލައިގެން މިކަން ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭނަން،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ޕާކިސްތާނަށް އެހީތެރިވުމުގެ ކުރިން ޕީކޭ ފަންޑުގެ ވަފުދެއް އެ ގައުމަށް ޒިޔާރަތްކޮށް މައިދާނުގައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް އިއްޔެ ބޭއްވި ފަންޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފަންޑުގެ ތިން ބޭފުޅުންގެ ވަފުދެއް މި ހަފުތާ ފަހުކޮޅު ޕާކިސްތާނަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާކިސްތާނަށް ޒިޔާރަތް މި ކުރަނީ ކޮންމެހެން އެ ސަރުކާރަށް އިތުބާރު ނުކުރާތީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ބައިނަލްއަގްވާމީ ޕްރެކްޓިސްގައި ވެސް މިކަން ކުރާ ގޮތަށް މައިދާނަށް ގޮސް ހާލަތު ބެލުމަށް. އެންމެ އިތުބާރު ހުރި ގޮތަކަށް މިކަން [ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުން] ކުރުން ބޭނުންވަނީ،" އަބްދުﷲ ވިދާޅުވި އެވެ.
ޕީކޭ ރިލީފް ފަންޑުގެ މި ޒިޔާރަތުގައި ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ވެދޭނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ "ދަތުރުގައި ފައިސާ ދިނުމުގެ ވިސްނުމެއް ވެސް ގެންގުޅެން" ކަމަށެވެ.
"މައިދާނަށް ގޮސް ހާލަތު ބަލާފައި ބޭނުންވަނީ ފައިސާ ދިނުން ކަމަށް ވަންޏާ އެކަން ވެސް ކުރާނަން. ބޮޑަށް ރަނގަޅީ ތަކެތި ނަމަ އެ ގޮތަށް ވެސް އަޅުގަނޑުމެން އަމަލު ކުރާނަން،" އަބްދުﷲ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ޣައްޒާ ފަންޑާއި މި ކަހަލަ ފަންޑްތަކަށް ފައިސާ ޖަމާކުރުމުގައި އިސްވެ ހަރަކާތްތެރިވި ބައެއް. އެހެންވެ ހާލުގައި ޖެހިފައިވާ މީހުންނާ ހަމައަށް ގޮސް މައިދާން ބަލާފައި ތަޖުރިބާ ކޮށްލުމަކީ ވެސް ބޭނުމެއް."
އޭނާ ވިދާޅުވި ގޮތުގައި ޕީކޭ ރިލީފް ފަންޑުން ޕާކިސްތާނަށް ދިއުމުގެ އެއްވެސް ހަރަދެއް އެ ފަންޑަށް ޖަމާކޮށްފައިވާ ފައިސާއިން ނުކުރާނެ އެވެ. އޭގެ ބަދަލުގައި ދަތުރުގެ ހަރަދުތައް ކުރާނީ ހެޔޮ އެދޭ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ޕީކޭ ރިލީފް ފަންޑަށް މިހާތަނަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާއިރު އެ ފަންޑް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ޕީކޭ ރިލީފް ފަންޑުގެ އިތުރުން ދިވެހި ފަންނާނުންނާއި އަމިއްލަ ޖަމިއްޔާތަކާއި އަދި އެހެން ދާއިރާތަކާއި ރާއްޖޭގެ ބްރޯޑްކާސްޓަރުން ގުޅިގެން މި މަހު ކުރީކޮޅު ބޭއްވި ޓެލެތޯންގައި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ. އަދި އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން ހުޅުވި ޕްރައިމް މިނިސްޓާސް ފްލަޑް ރިލީފް ފަންޑަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ