ވެރިކަން ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށް ރައްޔިތުން ބޭނުންވުން: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަން ރައްޔިތުން ބަދަލުކުރި އެންމެބޮޑު އެއް ސަބަބަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ރައްޔިތުން ބޭނުންވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ބޭނުންވާ ގާނޫނުގެ ޑްރާފްޓުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އެކުލަވައިލަމުން ދިޔަ ދުވަސްވަރު، ހަމަހަމަ އުސޫލަކުން އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވެން އޮތީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހިންގުން ބައްޓަން ކުރެވިގެން ކަން ގިނަބަޔަކަށް ގަބޫލު ކުރެވުނު ކަމަށެވެ.
"ރައްޔިތުން މިރާއްޖޭގެ ވެރިކަން ބަދަލުކުރިީ މިގޮތަށް ބަދަލު ކުރަންވެގެން. މާލޭގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރުމުގެ ބޭނުމުގައެއް ނޫން. ހަމައެކަނި އެއީކީ ނޫން ބޭނުމަކީ. ރާއްޖޭގެ އެންމެހާ ރައްޔިތުން ޒަމާންވީ ތިރީސް އަހަރުގެ ވެރިކަން މިދިޔަ އިންތިހާބުގައި ބަދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ރައްޔިތުން ބޭނުންވިލެއް ބޮޑުކަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ކުރި މަސައްކަތް 7 ސަރަހައްދަކަށް ބަހާލުމަށް ފަހު އެއިން ކޮންމެ ސަރަހައްދެއްގައި، ކޮންމެ މިނިސްޓްރީ އަކުން ޑެސްކެއް ބަހައްޓައިގެން އެމިނިސްޓްރީ އެއްގެ މަސައްކަތް އެސަރަހައްދެއްގައި ކުރުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އަޖައިބުވޭ އެ މަސައްކަތަކީ ގާނޫނުއަސާސީއާ ހިލާފް މަސައްކަތެއް ކަމަށް ވަކާލާތު ކުރައްވާތީ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުން އެއީ ގާނޫނު އަސާސީއާ ހިލާފް އަމަލެއް ކަމަށް އެއްގޮތަކަށްވެސް ނުފެނޭ. ޒަމާނުންސުރެ ފަށައިގެން އެވެރިކަން މާލޭގައި ހިފަހައްޓައިގެން ތިބި ބޭފުޅުންގެ ކިބައިން އެބާރު ބީވެގެން ދާ ހިނދު ހިތް ނުތަނަވަސް ވެގެން ދާނެ. ބައެއް ބޭފުޅުން މި މަސައްކަތާ އިދިކޮޅަށް ވަކާލާތު ކުރައްވަމުން އެ ގެންދަވާ ސަބަބަކީ ގާނޫނީ ގޮތުން ދެއުޅި އެއްވާ ވާހަކައެއް ކަމަކަށް ނުދެކެން،" ގާނޫނެއް ނެތި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަމުން ގެންދާތީ އެކަމަށް ފާޑު ކިޔާ ފަރާތްތަކަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭ އޮތް ރަސްމިއްޔާތުގައި ރައީސް ވާހަކަ ދެއްކެވުމުގެ އިތުރުން ލޯކަލް ގަވަމެންޓް ވެބްސައިޓް އިފްތިތާހު ކޮށްދެއްވިއެވެ. އަދި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވާހަކަ ދެއްކެވިއެވެ. ލޯކަލް ގަވަމެންޓް ގާނޫނުގެ ޑްރާފްޓާ ބެހޭގޮތުން މައުލޫމާތު ދެއްވީ އެ ގާނޫނު ޑްރާފްޓް ކުރި ސުއޫދު އަންވަރު އެންޑް ކޯ ގެ ފަރާތުން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ