މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމަށް ކުރިމަތިލައްވަން ނިންމަވައިފައިވާ ކަމަށް އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުނައްވަރު މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވީ އޭނާ އަކީ އެމްޑީޕީގެ ރައީސް ކަމަށް ވެފައި ޕާޓީގެ އެންމެ އިސް ސިޔާސީ މަގާމުގައި ހުންނަވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަނުކުރެއްވުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެތީ އެވެ.
"މީގެ ހަ މަސް ކުރިން އާންމު މެމްބަރުންގެ ވޯޓަކުން އަޅުގަނޑު މި ހޮވީ. އާންމު މެމްބަރުންގެ މެންޑޭޓެއް އޮވެގެން ހޮވި އެހެން ބަޔަކު ޕާޓީއަކު ނެތް. އެހެންވީ އަޅުގަނޑު ދެކޭ ގޮތުގައި އިންތިހާބުގައި ވާދަކުރުމަކީ އަޅުގަނޑުގެ މޯރަލް އޮބްލިގޭޝަނެއް. އެހެން ނޫނީ ސިޔާސީ ޕާޓީއެއްގެ މިފަދަ މަގާމެއްގައި ހުރުމުގެ ބޭނުމެއް ނެތް،" ރައީސް މައުމޫން ސަރުކާރުގައި 10 އަހަރު ވަންދެން އެޓާނީ ޖެނެރަލްކަން ކުރައްވައިފައި ވަނިކޮށް ވަޒީރުންގެ މަޖިލީހުން ވަކިކުރެއްވި ޑރ. މުނައްވަރު ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ބާއްވާ އެތެރޭގެ އިންތިހާބަކުންނެވެ.
"އެ އިންތިހާބުގައި އަޅުގަނޑު ހޮވިއްޖިއްޔާ ޕާޓީގެ ފަރާތުން ގައުމީ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން. ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ފަރާތުން ވެސް އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ އެބަދައްކާ. އެހެންވެ ހަގީގަތުގައި އެކަމާ މެދު އަޅުގަނޑުމެންނަށް މަޝްވަރާއެއް ވެސް ކުރެވޭނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ދެއްކުމަށްފަހު. އޭގެ ކުރިން އެމްޑީޕީން އެއް ކެންޑިޑޭޓެއްގެ ވާހަކައެއް ވެސް ނުދެއްކޭނެ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ވާހަކަތަކެއް ވަރަށް ގަދައަށް ދެކެވެމުން އެބަދެ އެވެ. އެކަމާ ގުޅޭ ގޮތުން ނަޝީދާ މިއަދު ސުވާލު ދެންނެވުމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް ނުވަތަ ނޫންކަން ވެސް ހާމަކުރައްވާނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމުން ކަމަށެވެ.
"އަޅުގަނޑު ހިތްހަމައެއްނުޖެހޭ ޕާޓީގެ އޮނިގަނޑުން ބޭރުން އެއްވެސް ކަމެއް ކުރާކަށް. ޕާޓީގެ ވިންދަށް ނުބަލައި މީހަކު އެއްވެސް ސިޔާސީ ހަރަކާތެއް ހިންގަންޏާ އެކަމާ އަޅުގަނޑު ހިތާމަކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު ކުރިއަށް ގެންދާނެ ތާރީހެއް މާދަމާ ރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމާނެ ކަމަށް އެމްޑީޕީގެ އިސް ވެރިން ލަފާކުރައްވަ އެވެ.
ޑރ. މުނައްވަރާއެކު ރައީސް މައުމޫންގެ ކެބިނެޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެމްޑީޕީގެ ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ "ހުދުމުހުތާރު ވެރިކަމެއްގެ ސަގާފަތުގައި ޖެހިފައި" ވާ އެއްވެސް ކެންޑިޑޭޓަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ޒަކީ ފާޅުގައި ވިދާޅުވެފައި ވެ އެވެ.
ޑރ. ހަސަނަށް ތާއީދު ނުކުރައްވާނެ ކަމަށް ޒަކީ ވިދާޅުވިއިރު، ޑރ. މުނައްވަރަކީ ރައީސް މައުމޫންގެ ސަރުކާރުގެ އިސް މަގާމެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ބޭފުޅަކަށްވާއިރު، އޭނާ އަށް ތާއީދު ކުރައްވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް ޒަކީ އެއަށް ޖަވާބެއް ނުދެއްވި އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކަމަށް ވަނީ ނަމަ އޭނާއަށް ތާއީދު ކުރައްވާނެތޯ ދެންނެވުމުން ޒަކީ ވިދާޅުވެފައި ވަނީ "އޭނާއާ (އަންނި) ދޭތެރޭ އެއްޗެއް ދަންނަވަން އެނގޭނީ އޭނާ (ވެރިކަމަށް) ކުރިމަތިލެއްވީމަ" ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ ރައީސް މައުމޫންގެ އިތުރުން ޑރ. ހަސަން ސައީދާއި އައިޑީޕީގެ ރައީސް އުމަރު ނަސީރާއި ޑރ. މުނައްވަރެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޑރ. މުނައްވަރު ކުރިމަތިލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ