އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބު ނުވަތަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް އާއި ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އުބެއިދުﷲ މުއާޒު ވިދާޅުވި ގޮތުގައި ދެ އިންތިހާބުގެ ކަންތައްތައް ވެސް ކުރިއަށް ގެންދާނީ އެއްކޮށް، އެއް އުސޫލަކުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީސް އާއި ޗެއާޕާސަން އިންތިހާބުކުރުމުގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 00: 12 ގެ ކުރިންނެވެ. ގައުމީ އިންތިހާބާ ބެހޭ ކޮމެޓީން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީސް އާއި ގައުމީ ޗެއާޕާސަންގެ ބައި އިލެކްޝަނަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ އެމްޑީޕީގެ ދެ އިންތިހާބުގައި ވޯޓުލެވެނީ އެމްޑީޕީން ހަމަޖައްސާފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެކަންޏެވެ. އިލެކްޝަންސް އޮފީހުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ މިހާތަނަށް 19،402 އެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ އިލެކްޝަންސްގެ ދަފްތަރުގައި ރަޖިސްޓްރީނުކޮށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބުމާ އެކު އެ ނަންތައް ސައްހަ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި އެ ނަންތައް އިލެކްޝަންސްގެ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސްގެ ދަފްތަރުގައި ހުރި ނަންތައް ސައްހަތޯ ކަނޑައެޅުމަށް ފަހު އަންނަ މަހުގެ 29 ގައި ޕާޓީގެ ހުރިހާ މެމްބަރުންގެ ލިސްޓް ކެންޑިޑޭޓުންނަށް ދޫކުރާނެ އެވެ.
އެމްޑީޕީން ހަމަޖައްސާފައި ވަނީ އިލެކްޝަންސް ކޮމިޝަނަރުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީގެ މެމްބަރުންގެ ލިސްޓް ޕާޓީގެ ގައުމީ ސެކްރެޓޭރިއޭޓުގައި މިއަދުން ފެށިގެން އާންމުކޮށް ފެންނަ ގޮތަށް ބޭއްވުމަށެވެ.
"އެ ލިސްޓުގައި ނަން ނެތް ބޭފުޅެއް ނަމަ، ޕާޓީ އަށް ވަޑައިގެން އެ ބޭފުޅެއްގެ ރެކޯޑްސްތައް ރަނގަޅުކޮށްދެއްވައި، ރަޖިސްޓްރޭޝަން ރަނގަޅުކޮށް ދެއްވަން ޖެހޭ. އެ ފުރުސަތު އޮތީ 25 މާޗްގެ ނިޔަލަށް. އޭގެ ފަހުން އެ ފުރުސަތު ބަންދުވާނެ. ކދ. އަހުމަދު މަނިކު (އިލެކްޝަންސް ކޮމިޝަނަރު) ގަބޫލުނުކުރައްވައި އެކި ގޮތްގޮތުން ރިޖެކްޓްކޮށްފައިވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން. އަޅުގަނޑުމެންގެ ޕާޓީގެ ރަޖިސްޓްރީގައި އެބައުޅޭ ކދ. ގެ ލިސްޓުގައި ނުހިމެނޭ ގާތްގަނޑަކަށް 6،000 މީހުން. އެހެންވީމަ އެ ބޭފުޅުންގެ ރެކޯޑްސް ރަނގަޅުކުރަން މަހެއްހާ ދުވަހުގެ ފުރުސަތު އޮތް ވާހަކަ ހުރިހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަން،" އުބެއިދުﷲ މިއަދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މުހައްމަދު ރަޝީދު ވިދާޅުވީ ދެ އިންތިހާބުގެ ވޯޓުލުން 25 އޭޕްރީލްގެ މެންދުރު ފަހު 00: 2 އިން ފެށިގެން ރޭގަނޑު 00: 9 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"ޗެއާޕާސަންގެ ބައި އިލެކްޝަންގެ އިންތިހާބުގައި ވެސް އެއް ފޮއްޓަކަށް ވޯޓުލެވޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ. ވޯޓު ކަރުދާސްތަކުގެ ކުލަ ތަފާތުކޮށްގެން ނަމަވެސް އެގޮތަށް (ދެ އިންތިހާބުގެ ވޯޓުލުން) ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ބަލާނީ،" އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ ވެސް މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގެ އިންތިހާބުގެ ކަންތައްތަކާއި ގައުމީ ޗެއާޕާސަންގެ ބައި އިލެކްޝަން ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދެއް އިންތިހާބާ ބެހޭ ކޮމެޓީން މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން އިންތިހާބުތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން، ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލީ މީހުންގެ ލިސްޓް އާންމުކުރަން ޖެހެ އެވެ. އިންތިހާބުގެ ވޯޓު ގުނައި ނިމުމަށް ފަހު، ވީ އެންމެ އަވަހަކަށް ވަގުތީ ނަތީޖާ އިއުލާންކުރުމާ އެކު، 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރަންޖެހޭ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ. އޭގެ އިތުރުން އިންތިހާބުގައި ޕްރޮކްސީ ވޯޓު ވެސް ލެވޭ ގޮތަށް ހަމަޖައްސާފައި ވެ އެވެ.
"އެކަމަކު 10 އޭޕްރީލްއާ ހަމައަށް (ޕްރޮކްސީ ހުށަހެޅުން) އެ ފުރުސަތު އޮންނާނީ. އަޅުގަނޑުމެން މި ބަލަނީ އިންތިހާބު ބޭއްވުމުގެ 15 ދުވަސް ކުރިން ޕްރޮކްސީގެ ކަންތައްތައް ހުށަހަޅައި ރަޖިސްޓްރީ ކުރަންވާނެ ކަމަށް. ދެން މިއަށް ބަދަލު ގެންނަން ވެއްޖިއްޔާ ގައުމީ މަޖިލީހުން ބަދަލު ގެނެވޭ ގޮތަށް އޮތީ. އެހެންވީމަ އެކަން އިތުރަށް ދިރާސާކޮށްފައި އެކަން ހުށަހަޅާނެ ވާހަކަ ދަންނަވަން،" އެމްޑީޕީގެ ރައީސަކު އިންތިހާބު ކުރުމަށް މިދިޔަ އަހަރު ބޭއްވި އިންތިހާބުގެ ކަންތައްތަކުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އުބެއިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ