މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ދޭ ގޮތަށް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅިތާ ދެ މަސް ވީއިރު ވެސް އެ މައްސަލަ ބަލައި ދީފައި ނުވާތީ، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ޝަރީއަތަށް ހުށަހަޅައި ދިނުމަށް ޕީޕީއެމްގެ ނާއިބު ރައީސް އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.
ޕީޖީ އަހުމަދު މުއިއްޒަށް މިދިޔަ ބުދަދުވަހު އުމަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ނެޝަނަލް ޑްރަގް އެބިއުސް ހެލްޕްލައިން އިފުތިތާހު ކުރުމަށް 26 ޖޫން، 2011 ގައި ބޭއްވި ރަސްމިއްޔާތުގައި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރު ދޭ ގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އެހެންވެ އެކަން ބަލައި ދިނުމަށް އޮގަސްޓް 2011،14 ގައި ފުލުހުންނަށް ހުށަހެޅުއްވި ކަމަށެވެ.
"ނަމަވެސް މައްސަލަ ހުށަހެޅިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައްލަވައި ދެއްވަވާފައި ނުވާތީވެ، މި މައްސަލަ ތިޔަ އޮފީސް މެދުވެރިކުރައްވާ ޝަރީއަތަށް ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ. މި މައްސަލަ އާއި ބެހޭ ހުރިހާ ހެކިތަކެއް، ވީޑިއޯ އާއި އޯޑިއޯ އިން ހުރުމުން އިތުރު ތަހުގީގުއަކާއި ނުލައި ސީދާ ޝަރީއަތަށް ފޮނުވޭނެތީ، އަޅުގަނޑު އެދެނީ އިތުރަށް ލަސްނުކުރައްވާ މި މައްސަލަ ޝަރީއަތަށް ފޮނުއްވައި ދެއްވުމެވެ،" އުމަރުގެ ސިޓީގައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުންނަށް އުމަރު ހުށަހެޅުއްވި މައްސަލައާ މެދު އަދި "ވަކި ގޮތެއް ނިންމާފައި ނެތް" ކަމަށެވެ.
"ތި ގޮތަށް ހުށަހަޅާ މައްސަލަތައް އަޅުގަނޑުމެން ކުރިއަށް ގެންދަނީ ޕީޖީއާ ވެސް މަޝްވަރާ ކުރުމަށް ފަހު. އަދި ތިޔަ މައްސަލައާ މެދު ވަކި ގޮތެއް ނިންމާފައެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބަލައި ދިނުމަށް މީގެ ކުރިން ވެސް އުމަރު ވަނީ ޕީޖީ އަށް ފޮނުއްވައިފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ޝަރީއަތަށް ފޮނުވޭނީ ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން އެކަން ތަހުގީގުކުރުމަށް ފަހު ކަމަށް ޕީޖީން އެންގުމުން ފަހުން އެ މައްސަލަ ފުލުހުންނަށް އުމަރު ހުށަހެޅުއްވީ އެވެ.
ފުލުހުންނަށް އުމަރު ފޮނުއްވި ސިޓީގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ނުވަ ޕޮއިންޓެއް ފާހަގަކުރައްވާފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އިޝާރާތްކުރައްވައި "...ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ، ބޯން އެބަ ޖެހޭ ..،" ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އުމަރުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ރައީސްގެ ވާހަކަފުޅުގައި "ބާރުގަދަ ނޫން މަސްތުވާތަކެތި" ބޭނުންކުރުމަށް ހިތްވަރު ދެއްވާފައިވާ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.
"ގައުމުގެ ވަލިއްޔުލްއަމްރު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ގާނޫނުގައި މަސްތުވާ އެއްޗެތި ކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މަސްތުވާ އެއްޗެތި ބޭނުންކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ މަސްތުވާ އެއްޗެތި އިތުރަށް ފެތުރި މަސްތުވާ އެއްޗިއްސަށް ދެވި ހިފާފައިވާ މީހުންނަށާއި އެތައް ޒުވާން ހިތްތަކަކަށް މަސްތުވާތަކެތި ބޭނުން ކުރަން ފަށަން ނުވަތަ ބޭނުންކުރުން މަތީ ދެމިތިބުމަށް ހިތްވަރު ލިބޭނެ ކަމެއްކަން ޔަގީނެވެ. އަދި ވަކިން ހާއްސަކޮށް ބްރޯޑްކާސްޓް މީޑިއާގައި ގައުމުގެ އިސް ވެރިޔާ ތަކުރާރުކޮށް މިފަދަ ވާހަކަތައް ދައްކަވާއިރު ގާނޫނީ ގޮތުން ފިޔަވަޅު ނާޅާ ތިބުމަކީ މުޅި ދައުލަތުގެ ކަރާމާތް ގެއްލޭނެ ކަމެއް ކަމުގައި ދެކެމެވެ. އަދި ރަނގަޅާއި ނުބައި ރައްޔިތުންނަށް އޮޅި، މަސްތުވާ އެއްޗެއްސާ ދެކޮޅަށް ކުރާ މަސައްކަތް މުޅިން ފެއިލްވެ، މުޅި ގައުމު މަސްތުވާ އެއްޗެތީގެ ކަނޑެއްގެ ތެރެއަށް ގެނބިގެން ހިނގައިދާނެ ކަމެއް ކަމަށް ދެކެމެވެ،" އުމަރުގެ ސިޓީގައިވެ އެވެ.
އޭނާގެ ސިޓީގައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ގާނޫނު އަސާސީގެ ކަމާ ގުޅޭ މާއްދާތަކާ ވެސް ހަވާލާ ދެއްވައިފަ އެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ދާއިރާތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުވައި، ކުރިއަށް ދެވޭނެ ގޮތުގެ އަމަލީ މަޝްރޫއެއް އެކުލަވާލުމަށް އޮގަސްޓް 2009 ގައި ބޭއްވި ކޮންފަރެންސް ހުޅުއްވައި ދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގެ ސްކްރިޕްޓް ވެސް ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ. އެ ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ "އެންމެނަކު އަބަދަކު ހަމައިގައި ތިބެން އެންމެން ބޭނުން ނުވެދާނެ" ކަމަށާއި "އެހެންވީމަ، ކޮންމެވެސް އެއް ބަޔަކު އަބަދުވެސް ހަމަ ބުއްދިން ނެއްޓޭ ގަޑިގަޑި، ނެއްޓޭއިރުއިރު އަންނާނެކަން ދެކެން ޖެހޭ އިރުއިރު އަންނާނެކަން އަޅުގަނޑުމެން ދެކެން ޖެހޭނެއޭ" ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ މައްސަލަ ފުލުހުން ބަލައެއް ނުދިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ