މެމްބަރު ޝަރީފު މިރޭ ރައީސް ވަހީދު ޕާޓީ އަށް ސޮއިކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު މިރޭ ރައީސް މުހަންމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އަށް މިރޭ ސޮއިކުރައްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ޝަރީފު ގައުމީ އިއްތިހާދު ޕާޓީ އަށް ސޮއިކުރައްވާއިރު އޭނާއާ އެކު އިތުރު އެހެން ބައެއް ބޭފުޅުން ވެސް އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސް ވަހީދުގެ ޕާޓީ އަށް މިރޭ ސޮއިކުރައްވާނީ ޝަރީފު އެކަންޏެވެ. ގައުމީ އިއްތިހާދު ޕާޓީ އަށް ޝަރީފު ސޮއިކުރެއްވުމުން އޭނާ ވާނީ އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ މެމްބަރަށެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެ ޕާޓީ އަށް މަޖިލީހުގެ ރަސްމީ ހައިސިއްޔަތެއް ނުލިބޭނެ އެވެ. ޝަރީފު ވިދާޅުވެފައި ވަނީ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވީ އޭނާގެ ދާއިރާގެ ގިނަ މީހުންގެ މަޝްވަރާގެ މަތިން ކަމަށެވެ. "އަޅުގަނޑުގެ ދާއިރާގެ ގިނަ މީހުން ބޭނުންވަނީ ރައްޔިތުންނަށް ފައިދާ ހުރި އަދި ރައްޔިތުން ބޭނުންވާ ކަންކަމަށް މަގު ފަހިވާނެ ގޮތަކަށް އަޅުގަނޑު އަމަލު ކުރަން،" ޝަރީފު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ