ހައި ކޯޓުން ކުރި އަމުރަކާ ހެދި ހެރަތެރަ ވިއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

ރެޒޮނަންސް ކުންފުންޏަށް އެމްޓީޑީސީން ދޭން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރުން މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރާ ގުޅިގެން، އައްޑު އަތޮޅު ހެރަތެރަ ރިސޯޓް ވިއްކިދާނެ ކަމާ މެދު ގާނޫނީ ސުވާލުތަކެއް ފެންމަތި ވެއްޖެ އެވެ. ހެރަތެރަ ނުވިއްކުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރެއް ކުރީ ގއ. ކޮނޑޭމަތީލާބައިދޫ ރެޒޮނަންސަށް ދިނުމަށް ކުރި އެެއްބަސްވުން އެމްޓީޑީސީން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި ރެޒޮނަންސަށް ދޭން ޖެހޭ 5.2 މިލިއަން ޑޮލަރު ނުދައްކައިގެން ކުރި ހުކުމަކަށް ރިއާޔަތްކޮށެވެ. ނަމަވެސް އެމްޓީޑީސީން ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރެއްގައި ވަނީ ފައިސާ ދެއްކުމަށް ކުރި ހުކުމް އެމްޓީޑީސީން އިސްތިއުނާފުކޮށްފައި ވާތީ އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ އެކު، އެ ހުކުމާ ގުޅިގެން އެއްވެސް ފިޔަަވަޅެއް ނޭޅުމަށް އަންގާ ކަމަށެވެ. އެހެންވެ އެމްޓީޑީސީން ބުނަނީ ހެރެތެރަ ނުވިއްކަން ކުރި އަމުރަށް މިހާރު އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. އެ އަމުރާ ގުޅިގެން އެމްޓީޑީސީގެ ބޯޑު މެންބަރަކު މިއަދު ވިދާޅުވީ ހެރަތެރަ ވިއްކުމަށް އެއްވެސް ހުރަހެއް މިހާރު އެ ކުންފުންޏަށް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ހެރަތެރަ ވިއްކުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މެމްބަރު ވިދާޅުވި ގޮތުގައި ހެރަތެރަ ނުވިއްކުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް އެމްޓީޑީސީން މިހާރު އަމަލު ކުރާކަށް ނުޖެހޭނެ އެވެ. "އެ ކުންފުނީގެ ބޭފުޅުން ވެސް މިހާރު ރާއްޖެ ވަޑައިގަތް ރިސޯޓަށް ވެސް ވަޑައިގެންފައި ވަނީ. އެ ބޭފުޅުން މިހާރު އެ ތިއްބެވީ ރެޑީގައި އެބޭފުޅުން ދައްކަވަން ޖެހޭ ފައިސާ ވެސް ދެއްކުމަށް. ހޭންޑް އޯވާ ކުރަން ނިންމާފައި އޮތް ތާރީހުގައި މިކަން ކޮށް އަޅުގަނޑުމެންނަށް ނިންމާލެވޭނެ،" މެންބަރު ވިދާޅުވި އެވެ. ނަމަވެސް އެމްޓީޑީސީގެ ވިސްނުމާ ރެޒޮނަންސުން ދެކޮޅުހަދަ އެވެ. އެ ކުންފުނީގެ ވަކީލުންނާ ހަވާލާދެއްވާ މެނޭޖިން ޑިރެކްޓަރު އަހްމަދު ލަތީފް މިއަދު ވިދާޅުވީ ހައި ކޯޓުގެ އަމުރަކީ ފައިސާ ދެއްކުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުން ނެރުނު، އާންމު އަމުރެއް ކަމަށެވެ. އަދި ހެރަތެރަ ނުވިއްކަން ސިވިލް ކޯޓުން ނެރުނު އަމުރާ މެދު ހައި ކޯޓުން ވަކި ގޮތެއް ނިންމާފައި ނެތް ކަމަށާއި އަމުރު އަދިވެސް ދެމިއޮތް ކަމަށް ހުރިހާ ގާނޫނީ ވަކީލުން ވެސް އިއްތިފާގުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންނަށް ލީގަލް އެޑްވައިސް ލިބިފައި ހުރީ ހައި ކޯޓުގެ އަމުރުގެ ސަބަބުން ހެރަތެރަ ވިއްކޭނެ ގޮތެއް ނެތޭ. އެތަން އެމްޓީޑީސީ އަށް އަދިވެސް ނުވިއްކޭނޭ. މިހާރު އެ އޮތް އަމުރަކީ ސިވިލް ކޯޓުގެ އަމުރު ބާތިލް ވާނެ ކަމެއް ނޫން. ހެރަތެރަ އެބޭފުޅުންނަކަށް އެގޮތަށް ގާނޫނު މާނަކޮށްގެން ނުވިއްކޭނެ،" ލަތީފް ވިދާޅުވި އެވެ. "ހަވީރާ" ވާހަކަ ދެއްކެވި ބައެއް ވަކީލުން ވެސް ވިދާޅުވި ގޮތުގައި ހައި ކޯޓުގެ އަމުރެއް އައި ނަމަވެސް ހެރަތެރަ ނުވިއްކުމަށް ސިވިލް ކޯޓުން ކުރި އަމުރު ބާތިލެއް ނުވާނެ އެވެ. އަދި ހައި ކޯޓުގެ އަމުރުގައި ސިިވިލް ކޯޓުގެ އަމުރަށް އެއްވެސް ވަރަކަށް ހަވާލާދީފައި ނުވާ އިރު ހެރަތެރަ ނުވިއްކުމުގެ އަމުރު ބާތިލް ވާނެ އަސްލެއް ނެތް ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. އެމްޓީޑީސީން ހެރަތެރަ ވިއްކާލަނީ ބީލަމުގައި އެންމެ ބޮޑު އަގު ހުށަހެޅި، ސިންގަޕޫރުގެ ކޭނަރީޒް ޕްރައިވެޓް ލިމިޓެޑަށެވެ. އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި، 544 އެނދުގެ ހެރަތެރަ އަށް 55 މިލިއަން ޑޮލަރު ހަރަދު ކުރިއިރު އެ ރިސޯޓް އެ ކުންފުންޏަށް ވިއްކާލަނީ 33 މިލިއަން ޑޮލަރަށެވެ. ސަރުކާރުން ވެސް މިހާރު ބުނެފައި ވަނީ އަންނަ މަހުން ފެށިގެން ހެރަތެރަ ހިންގާނީ އާ މެނޭޖްމަންޓަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ