ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމުގެ ބިލް ޕީޕީއެމްގެ ތާއީދާ އެކު މަޖިލީހަށް ބަލައިގެންފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރަން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވި ބިލް ޕީޕީއެމް މެމްބަރުންގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ދެކޮޅު ހެދި އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 43 މެމްބަރަކު ވޯޓު ދެއްވިއިރު، ބިލް ބަލައިގުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 65 މެމްބަރެކެވެ. ކޯޓްތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ޝަރީފް ހުށަހެޅުއްވި އިސްލާހުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިތުރުން ހައި ކޯޓްގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށް، ހައި ކޯޓުގެ ފަނޑިޔާރުން އެ ތަންތަނަށް ހަމަޖައްސަން ހުށަހަޅާފައިވެ އެވެ. މާލޭގެ އިތުރުން އުތުރު އަދި ދެކުނުގައި ގާއިމްކުރަން ހުށަހަޅާފައިވާ ހައި ކޯޓްގެ ކޮންމެ ގޮތްޕެއްގައި ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ. މިހާރު ހައި ކޯޓްގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. އަދި ހައި ކޯޓްގެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށް ވެސް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ