އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރައްވައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީގެ އަޣުލަބިއްޔަތުން މިގޮތަށް މިއަދު ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ އަހްމަދު ހަމްޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޖޭއެސްސީގެ މެންބަރަކު މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ނިންމާ ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން އެކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ނައިބް ރައީސް އަބްދުﷲ ދީދީއާ ހަވާލުކުރުމަށް ވެސް ޖޭއެސްސީ އިން މިއަދު ނިންމާފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީގައި މިއަދު ވޯޓަށް އެހުމުން އަބްދުﷲ ދީދީ ވޯޓުގައި ބައިވެރި ނުވާ ކަމަށާއި، އަދި އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ނިކުންނަވާނީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ވީނިއުސްއަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވެފައިވެ އެވެ.
އަބްދުﷲ ގާޒީގެ އިތުރުން ސުޕީރިއާ ކޯޓުގެ ނުވަ ފަނޑިޔާރަކުވެސް އެބޭފުޅުން ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ކޯޓުން އެހެން ކޯޓަކަށް ބަދަލުކުރައްވާފައިވާ ކަން އެނގިފައިވެ އެވެ.
ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދެވި ކޯޓްތަކުން އެހެން ކޯޓް ތަކަށް ބަދަލުކުރެއްވީ ފަނޑިޔާރުން ތާޒާ ކުރުމަށް ކަމަށާއި، އެއީ އަލަށް ކުރާ ކަމެއް ނޫން ކަމަށްވެސް ޖޭއެސްސީގެ މެންބަރު ވިދާޅުވެފައިވެ އެވެ.
ބައެއް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް މިއަދު ބަދަލުކުރުމަށް ނިންމާފައިވާއިރު، ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުމަކީ ޖޭއެސްސީ އަށް ލިބިގެންވާ ބާރެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގެ 46 ވަނަ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި އެހެން ހާލަތްތަކުގައި އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަން ވާނީ ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ޖުޑީޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ