ދީނީ ބައިބައިވުން އުފެދޭ ކަންކަން ހުއްޓުވާނަން: އުމަރު

ރާއްޖޭގައި ދީނީ ބައިބައިވުންތައް އުފެދޭ ކަންކަން ހުއްޓުވާނެ ކަމަށް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ބައެއް ގައުމުތަކުގައި ދީނީ ބައިބައިވުމުގެ ސަބަބުން ފިތުނަ އާއި ލޭއޮހޮރުވުން ވެސް ހިނގަމުންދާ ކަމަށެވެ. އެ ދަރަޖަ އަށް ރާއްޖޭގައި ދީނީ ބައިބައިވުން ނެތަސް، އެއީ ރާއްޖޭގައި ވެސް އޮތް މައްސަލައެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ގަބޫލުކުރަން ދަތި ނަމަވެސް މިއީ އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ކަމެއް. މިކަމަކީ ވަރަށް ހިތާމަ ހުރި ކަމެއް. އިސްލާމީ ގައުމުތަކުގައި އިޚްތިލާފުތައް އުފެއްދުމަކީ ދީނުގެ އަދާވާތްތެރިން ކޮށްއުޅޭ ކަމެއް،" އުމަރު ވިދާޅުވި އެވެ. ދީނީ ބައިބައިވުން އުފެދުން ހުއްޓުވުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެއްވޭނީ ދީނީ އިލްމުވެރިންނަށް ކަމަށާއި އެހެންވެ އެކަން ހުއްޓުވުމަށްޓަކައި ދީނީ އިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވުމަށް އުމަރު ގޮވާލެއްވި އެވެ. ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ބެލެހެއްޓުމުގެ ބެލެނިވެރިޔަކީ ދިވެހި ދައުލަތް ކަމަށާއި އެ ޒިންމާ އަދާކުރުމުގެ ގޮތުން "ދީނީ ބައިބައިވުންތައް އުފެދޭ ކަންކަން ހުއްޓުވާނެ" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ދީނީ ބައިބައިވުންތަކުގެ ސަބަބުން ދީނީ އަގީދާ ބަލިކަށިވުމުގެ އިތުރަށް މުޖުތަމައުގައި އުފެދެމުންދާ އިޖުތިމާއީ ބަލިތަކުގެ ސަބަބުން ވެސް ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަގީދާ ބަލިކަށިވަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެހެންވެ އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އިސްލާމީ ދަންމަރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން މުދިމުން ތަމްރީނު ކުރާނެ ކަމަށާއި އިސްލާމީ މުދައްރިސުންނާއި ގުރުއާން މުދަރިއްސުން ވެސް ތަމްރީނުކޮށް ޒަކާތް ވެސް ނެރޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އިސްލާމްދީނަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތައް ވެސް އެބަހުރި ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެތެރެއިން ގިނަ ކަންކަމަކީ މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ކަންކަން ކަމަށާއި އިންސާނީ ހައްގުތަކުގެ ނަމުގައި ނުވަތަ ޑިމޮކްރަސީގެ ފޭރާމުގައި އިސްލާމީ ގައުމުތަކަށް އެކި ކަހަލަ މަޖުބޫރުތައް ކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް އިންސާނީ ހައްގުތައް ނެތީ އެއް ޖިންސުން ކައިވެނި ކުރުމާއި ދީނީ މިނިވަންކަން ނެތުމުން ކަމަށް ބައެއް ގައުމުތަކުން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. ދިވެހި ގައުމުގެ އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމްދީން ކަމަށާއި އެހެންވެ އިސްލާމީ އަގީދާ ވަރުގަދަކުރުމަށްޓަކައި އެންމެން ވެސް މަސައްކަތް ކުރުން މުހިންމު ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ