ސްކޫލް ކުދިންގެ ކުރެހުމުގެ މައުރަޒު ހުޅުވައިފި

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލް ކުދިންގެ ކުރެހުމުގެ މައުޒަރެއް ނެޝަނަލް އާޓް ގެލެރީގައި މިއަދު ހުޅުވައިފި އެވެ. ރާއްޖޭގެ ހަ އަތޮޅެއްގެ 15 ސްކޫލެއްގެ ކުދިން ބައިވެރިވި މި މައުރަޒު ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. މި މައުރަޒުގައި 717 ކުރެހުން ބައިވެރިކޮށްފައިވެ އެވެ. މި މައުރަޒު އިންތިޒާމްކުރީ ޓޫރިޒަމް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޓޫރިޒަމް އެޑަޕްޓޭޝަން ޕްރޮޖެކްޓް ގުޅިގެންނެވެ. "ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލާ އެކަމާ ގުޅިގެން ދިވެހިރާއްޖޭން ކުރާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތް ދެނެގަނެ އެކަމަށް ދިރާސާ ކުރުން. މިކަމަށް އެކުލަވާލަން ޖެހޭ ސިޔާސަތުތައް ދެނެގަތުން. އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ކެޕޭސިޓީ ބިލްޑްކުރުމާއި އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރު ކުރުން،" ޓޫރިޒަމް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ މެނޭޖަރު މޫސާ ޒަމީރު ހަސަން ވިދާޅުވި އެވެ. މި މައުރަޒުގައި ބައިވެރިވެފައިވަނީ ގްރޭޑް 1-10 ގެ ދަރިވަރުންނެވެ. މި ކުރެހުންތަކުގައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލައި ތަފާތު މެސެޖުތައް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ