އެމްޑީޕީ އަށް ތާއީދު ކުރާ 15 ޕަސަންޓް މީހުން ވެސް އައްޑޫގައި ނުތިބޭނެ: މެމްބަރު އިބްރާހީމް ދީދީ

އިދިކޮޅު އެމްޑީޕީ އަށް ތާއީދު ކުރާ 15 ޕަސަންޓް މީހުން ވެސް މިހާރު އައްޑޫގައި ނުތިބޭނެ ކަމަށާއި އެ ޕާޓީގެ ތާއީދު ރައްޔިތުންގެ ތެރެއިން ގެއްލެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެެމް މެމްބަރު އިބްރާހީމްދީދީ ރޭ ވިދާޅުވެއްޖެ އެވެ. ދިޓީވީގެ "ހަބަރު ތެރެެއިން" ޕްރޮގްރާމްގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ އެއީ ވެރިކަން ކުރަން ލިބުނު އެންމެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ޕާޓީއެއް ކަމަށެވެ. އެގޮތުން ދައުލަތުގެ އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރުވުމާއި ރާއްޖޭގެ އުމްރާނީ ތަރައްގީ އެތައް އަހަރެއް ފަހަތަށް ޖައްސާލުމާއި ސިޔާސީ ގޮތުން ރައްޔިތުންނަށް ބިރު ދެއްކުން ފަދަ ކަންކަމުގެ ތުހުމަތު އިބްރާހިމް ދީދީ ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މައްޗަށް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއާ ދޭތެެރޭގައި ރައްޔިތުންގެ ތެރެއިން ބަޔަކު ކޮންމެވެސް ދުވަސްވަރެއްގައި އުންމީދުތަކެއް ކުރި އެވެ. މިދިޔަ ހަފުތާ ބަންދުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޑު އަށް ކުރެއްވި ދަތުރުގައި އޭނާއާ އެކު އިބްރާހީމްދީދީ (ފަހަތުގައި): އިިބްރާހިމް ދީދީ ވިދާޅުވީ މިއީ އައްޑޫ ތަރައްގީ ކުރާނެ ސަރުކާރެއް ކަމަށް. ފޮޓޯ: ކިއުންތެރިއެއް އެހެން ނަމަވެސް އެ އުންމީދު މިހާރު އެ މީހުންގެ ހިތުގައި ނެތް ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ. އަދި އެމްޑީޕީ އަކީ "އޮޅުވައިލުމާއި މަކަރާއި ހީލަތް ހެދުމާއި ދޮގު ހެދުމުގައި" ވެސް އަރާ އޮތް ޕާޓީއެއް ކަމަށް އިބްރާހީމް ދީދީ ވިދާޅުވި އެވެ. "އެމްޑީޕީ އަކީ ރައްޔިތުންނަށް ހެވެއް، ލާބައެއް އެދޭ ބައެއް ނޫން. މި މީހުންގެ ސަބަބުން ރާއްޖެ ފަސާދަވެ ހަލާކުވަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ. "...ހަމަ ޔަގީނުން މިހާރު ވެސް އަޅުގަނޑު ނުދަންނަވާނަން އައްޑޫގައި ތިބޭނެއޭ އެމްޑީޕީ އަށް ތާއީދު ކުރާ 15 ޕަސަންޓް ރައްޔިތުން ވެސް." އިބްރާހީމް ދީދީ ވިދާޅުވީ ވެރިކަން ކުރަން ލިބުނު ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ވެސް "ފުނޑާލީ" އެމްޑީޕީން ކަމަށެވެެ. އެގޮތުން ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި ވެސް 18 ބިލިއަން ރުފިޔާ އަށް އެމްޑީޕީން މައްޗަށް ޖެއްސި ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީއަކީ ރައްޔިތުންނަށް ހެވެއް ލާބައެއް އެދޭ ބައެއް ނޫން. މި މީހުންގެ ސަބަބުން ރާއްޖެ ފަސާދަވެ ހަލާކުވަމުން މިދަނީ،-- އިބްރާހިމް ދީދީ ވިދާޅުވީ އޭނާގެ ބޮލުގައި އެމްޑީޕީން ކޮރަޕްޝަންގެ އިލްޒާމް އަޅުވާއިރު، އެ ޕާޓީން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި ޖަރީމާތަކުގެ ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށެވެ. އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި މިހާރު ވެސް އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާއެއް އުފުލިއްޖެ ނަމަ، ދެން ފެންނާނީ އެމްޑީޕީގެ ޕޯޑިއަމްތަކުގެ ފަހަތުގައި އޭނާގެ ފޮޓޯ ބަހައްޓައިގެން، މިންޖު ކުރަން ގޮވައިލާ މަންޒަރެވެ. "އެމްޑީޕީ އަކީ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ޕާޓީއެކޭ ދެންނެވޭކަށް ނެތް. މިހާތަނަށް ރާއްޖޭގައި ހިންގި ކޮރަޕްޝަނާއި ފަސާދަ ހިންގި ހުރިހާ އެންމެންގެ ހިމާޔާތުގައި އެމްޑީޕީން މަސައްކަތް ކުރާ ތަން އަޅުގަނޑުމެންނަަށް ފެނިގެން ދަނީ. ކޮބައިތޯ އިހުލާސްތެރިކަން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ އައްޑޫ ތަރައްގީ ކުރާނެ ސަރުކާރެއް ކަމަަށެވެ. އަދި އައްޑޫގައި ހިންގަން ނިންމާފައިވާ ހުރިހާ މަޝްރޫއުތަކެއް ވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ