ގާޒީ ބާރީ އާއި އިތުރު ދެ ބޭފުޅަކު ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި
ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ތިން ފަނޑިޔާރަކު ކުރިމަތިލައިފި އެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ ސައީދު އިބްރާހިމާއި ހދ. ވައިކަރަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ގާޒީ ބާރީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިންގިއިރު އެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި މިހާރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްސަލަ ވެސް ބައްލަވަނީ ގާޒީ ބާރީ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ގާޒީ ސައީދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ހިންގާ ޝަރީއަތުގައި އެ މައްސަލަ ބަލަން އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރެކެވެ. ހައި ކޯޓު ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ