އަލިފުއްޓަށް އަދިވެސް ކަރަންޓް ނުދެވިފައި

ރ. އަލިފުށީގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ދިޔަ ދެ އިންޖީނުގެ ތެރެއިން، އެއް އިންޖީނަށް މައްސަލަ ދިމާވުމާއި ގުޅިގެން އަދިވެސް ކަރަންޓް ނުދެވޭ ކަމަށް ބުނެފިއެވެ.
އަލިފުށީ އިންޖީނުގެ އާއި ހަވާލުވެ ހުންނެވި މުހަންމަދު ހަސަން ވިދާޅުވީ ރަށަށް ކަރަންޓް ދިނުމަށް ބޭނުންވާ ބައެއް ސާމާނު އެ އަތޮޅު އިނގުރައިދޫ ބޯޓަކުން ގެނެސްފައިވާ ކަމަށާއި، އެ ތަކެތި ބަލާ ލޯންޗެއް ދަތުރުކުރަމުންދާ ކަމަށެވެ. އެ ތަކެއްޗާ އެކު އެ އަތޮޅު ހުޅުދުއްފާރުން ޓެކްނީޝަނުންވެސް އަންނާނެ ކަމަށް މުހަންމަދު ވިދާޅުވިއެވެ.
"އެއްކޮށްލައިގެން ބޭނުން ކުރަމުން ދިޔަ ދެ އިންޖީނުން އެއް އިންޖީނު ފެއިލްވީ. އޭގެ ފަހުން އަދި ކަރަންޓެއް ނުދެވޭ. އިނގުރައިދޫ ބޯޓުން ގެނައި ޕެނަލް ބޯޑުގެ ބައިތަކެއް. އެ ތަކެތި މިރަށަށް ލިބޭތާ ތިން ގަޑިއިރު ތެރޭގައި ކަރަންޓް ދެވޭނެ. މީ ވަގުތީ ހައްލެއް، ދާއިމީ ހައްލެއް ނޫން،" މުހަންމަދު ވިދާޅުވިއެވެ.
ރޭ ގާތްގަނޑަކަށް 19:30 ހާއިރު އެއް އިންޖީނަށް މައްސަލަ ދިމާވުމާއި މުޅި ރަށުން ކަރަންޓް ކެނޑުމާއި ގުޅިގެން އެ ރަށު ރައްޔިތުން ވަނީ އިންޖީނުގޭ ކައިރީގައި މުޒާހަރާވެސް ކޮށްފައެވެ. ނަމަވެސް އެމީހުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގާ ކަމަށް އިންޖީނުގެއިން މައުލޫމާތު ދެއެވެ.
މުހަންމަދު ވިދާޅުވި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ބޭރުން ސްޕެއާ ގެނެސްގެން ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ