ރައީސް މައުމޫނަށް ތާއީދު ކުރައްވާ ހުރިހާ މެމްބަރުން ޔާމީނަށް ވޯޓު ދިނުމަށް ދުންޔާ ގޮވާލައްވައިފި

ރައީސް މައުމޫންގެ ސިޔާސަތުތަކާއި ފިކުރުފުޅުތައްކަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ޕީޕީއެމްގެ ރިޔާސި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން އަބްދުލްގައްޔޫމްއަށް ވޯޓު ދެއްވުމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.
ދުންޔާ އެގޮތަށް ގޮވާލެއްވީ މާދަމާ އޮންނަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ޔަގީން ޓީމުގެ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީންގެ "ޓީމް ޔަގީން"ގެ ކެމްޕޭނުގެ ފަހު ޖަލްސާ ބާއްވާފައިވަނީ ތަފާތު ގޮތަކަށެވެ. އެއީ "ޑިސަކަޝަން ޕެނަލް" އެއްގެގޮތުގައެވެ. އެގޮތުން ޔާމީން އާއެކު ޔާމީނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ އިސްބައެއް ބޭފުޅުން ގްރޫޕް ގުރޫޕަށް ވަޑައިގެން ސްޓޭޖްމަތީގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ޑިސްކަޝަން ޕެނެލްގެ "މޮޑަރޭޓަރ" އަކަށް އިންނެވީ ޕީޕީއެމްގެ އާއްމު މެމްބަރެއް ކަމުގައިވާ އިބްރާހިމް މުއާޒު (ޓީވީ މުއާ) އެވެ. އަދި އެޕެނަލް ޑިސްކަޝަން ކުރިއަށް ދިޔައިރު މިޔުޒިކް ބޭންޑަކާއި ބޮޑުބެރު ގްރޫޕެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީން އަބްދުލްގައްޔޫމްއަށް ވޯޓް ދެއްވަންޖެހޭ ސަބަބަކީ ކޮބައިތޯ މޮޑަރޭޓަރ ދުންޔާ މައުމޫންއާ ސުވާލު ކުރެއްވުމުން ދުންޔާ ވިދާޅުވީ ގައުމަށްޓަކާ ދީނަށްޓަކައި ޔާމިންއަށް ވޯޓު ދެއްވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
"ގައުމަށްޓަކާ އަދި ދީނަށްޓަކައި އުޅުގަނޑުމެންގެ ކެނޑިޑޭޓް ނަމްބަރު އެކަކަށް ވޯޓު ދެއްވުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ހަމަގައިމު ރައީސް މައުމޫންގެ ސިޔާސަތައް، ފިކުރުފުޅު މިގައުމުގައި ދަމަހައްޓަން ބޭނުންފުޅު ވިއްޔާމު ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ޔާމީނަށް ވޯޓު ދެއްވުމަކީ އަޅުގަނޑުމެންގެ އެދުމެއް،" ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ދުންޔާ ވިދާޅުވީ ޕީޕީއެމްއަކީ ޑިމޮކްރެޓިކް އުސޫލުން ޕްރައިމަރީ ބާއްވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ވާތީ ފަހުރުވެރިވާ ކަމަށާއި އަދި މާދަމާ ބޭއްވޭ އިންތިހާބު ސުލްހަވެރިކަމާއެކު މިނިވަން ކަމާއެކު ކުރިއަށް ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ފަހުރުވެރިވަން ޕީޕީއެމްއަކީ ޑިމޮކްރެޓިކް އުސޫލުން ޕްރައިމަރީ ބާއްވާ ފުރަތަމަ ޕާޓީއަށް ވަތީ. އަޅުގަޑުގެ އުއްމީދަކީވެސް ވަރަށް ސުލްހަވެރިކަމާއެކީ މިނިވަންކަންމަތީ މިއިންތިހާބު ނިމިގެން ދިއުން،" ދުންޔާ ނިންމާލަމުން ވިދާޅުވިއެވެ.
ނަމަވެސް ރޭ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީންއާ ވާދަކުރައްވާ ކެނޑިޑޭޓް އުމަރު ނަސީރު ވިދާޅުވީ ރައީސް މައުމޫން އެއްވެސް ބޭފުޅަށް ތާއީދު ނުކުރައްވާ ކަމަށާއި މައުމޫންގެ ސިޔާސަތުތަކާއި، ފިކުރުފުޅުތަކަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން އުމަރު އަށް ވޯޓު ދެއްވުމަށެވެ. ޔާމީން އަކީ ރައީސް މައުމޫންއަށް ވަފާތެރި ބޭފުޅެއް ނޫންކަމަށް ދޭހަވާގޮތަށް އުމަރު ވަނީ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ