ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ: އަޑު އެހުން ނިންމި ފަހުން މައްސަލައިގެ ތެރެއަށް ވަންނަން ޑީއާރްޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވާފައި ވަނިކޮށް މައްސަލައިގެ ޝަރީއަތުގެ ތެރެއަށް ވަންނަން ބޭނުން ކަމަށް ބުނެ ޑީއާރްޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.މި މައްސަލައިގެ އަޑު އެހުން ބޭއްވި ދުވަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން އިތުރު ކަމެއް ފާހަގަ ކުރަން ނެތުމުން މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށެވެ.ނަމަވެސް ޑީއާރްޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ދިވެހި ސަރުކާރަށް އޮޅުން އަރާފައިވާ ބައެއް ކަންކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލައަކީ ޑީއާރްޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ރަސްމީ މަސައްކަތަށް އަސަރުތަކެއް ކުރުވައިފާނެ ފަދަ މައްސަލައެއް ކަމަށެވެ.ގާނޫނީ ސައްހަ ކަމާމެދު ސުވާލު ކުރެވި ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ "ރައްޔިތުންގެ މަޖިލީހުގެ ގަވައިދު" އެކުލަވައިލައި ފާސް ކުރުމުގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ދައުރެއް އޮވެފައި އެ ގަވައިދަށް އަންނަ ބަދަލަކުން ޑީއާރްޕީގެ މެންބަރުންނަށް އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމަކަށްވުމާ އެކު ކޯޓުގައި އެ މައްސަލަ ހިނގަމުންދާއިރު ޑީއާރްޕީއަށް ތަދައްހުލުވުމުގެ (މައްސަލައިގެ ތެރެއަށް ވަނުމުގެ) ފުރުސަތު ހޯދަން ސުޕްރީމް ކޯޓުގައި ޑީއާރްޕީން އެދިދައިވާނެ ކަމަށެވެ. މަޖިލީހުގެ ގަވައިދު 171 ގެ (ވ) އުވާލުމަށް ހުށަހެޅި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނެފައިވާ އިރު ވަޒީރުންނަށް ރުހުން ދިނުމުގައި ގާނޫނު އަސާސީ ލާޒިމު ކުރާ ސިފަތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއާ ހިލާފަށް މަޖިލީހުގެ ގަވައިދުގެ ދަށުން އިތުރު ކަންތައްތަކެއް ހިމެނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމުގެ ސިފައެއްވެސް ނޫން ކަމަށެވެ.މި މައްސަލައިގެ އަޑު އެހުމެއް ބޭއްވި ދުވަހު އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ އެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިރު ދައުވާ ރައްދުވާ ފަރާތެއް ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި މަޖިލީހުން އެކަމަށް އިޖާބައެއް ދީފައިނުވި ނަމަވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ނިންމެވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ