ކ. ހުރާގައި، ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރިންގެ ހަވީރެއް

އަހަރުތަކަކަށް ފަހު މިއަދަކީ އަނެއްކާ ވެސް، ފުޓްބޯޅައިގެ މަޝްހޫރު ރަށް ކ. ހުރާ އަށް ކުޅިވަރުގެ އީދެއް އައި ދުވަހެކެވެ. ފުޓްބޯޅައިގައި އެ ރަށުގެ ވިދުން ފަނޑުވި ނަމަވެސް، ރާއްޖޭގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް، ހަވީރު ސްޕޯޓްސްގެ އެވޯޑްސްގެ ތަރިން، އެ ރަށަށް ޒިޔާރަތްކުރުމުން ހުރާ ރައްޔިތުން ވަނީ ކުޅިވަރަށް އެ ރަށުގައި އޮތް ލޯބި އަދިވެސް ބޮޑުކަން ސާބިތުކޮށްދީފަ އެވެ. ކ. ހުރާގައި މިއަދު ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރިންގެ ހަވީރުގެ ތެރެއިން. --ހަވީރު ފޮޓޯ: ނިޝާން އަލީ ރާއްޖޭގެ ކުޅިވަރުގެ ތަރިންނާއި ހަވީރު ސްޕޯޓްސް އެވޯޑުގެ ޕާޓްނަރުން އެ ރަށަށް ޒިޔާރަތްކޮށް އެ ރަށުގައި ބޭއްވި "ތަރިންގެ ހަވީރު" ގައި އެ ރަށު ރައްޔިތުންނާއި ކުޑަކުދިން ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް ފޯރިނަގައިފަ އެވެ. ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ދަތުރުގެ ބައިވެރިންނަށް ހުރައިން ހޫނު މަރުހަބާއެއް ކިޔެވެ. ހުރައަށް ފޭބުމާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީގައި ތިބި ހުރީ ސްކޫލް ކުދިން ކޮންމެ މެހެމާނަކަށް މާބޮނޑިއެއް ދިނެވެ. އެއަށް ފަހު ރަސްމިއްޔާތަށް ޚާއްސަކޮށްފައިވާ ހުރާ މިނީ ސްޓޭޑިއަމަށް ހަވީރުގެ މެހެމާނުންގެ އަތުގައި ހިފައިގެން އެ ކުދިން ގެންގޮސް ދިނެވެ. އެއަށް ފަހު ހުރާގެ ޒުވާން އަންހެން ކުދިން ވަނީ، މަރުހަބާގެ ނެށުމުގެ އައިޓަމެއް ހުށަހަޅައިދީފަ އެވެ. ހުރާގެ ޒުވާނުން ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ. --ހަވީރު ފޮޓޯ: ނިޝާން އަލީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްސަމީއުގެ ހިތްގައިމު ލަވަތަކާ އެކު، ކުޑަކުދިން ވެހޭ ވާރެއަށް ބެލުމެއް ނެތި ފޯރިނެގިއިރު، ހުރާގެ ރައްޔިތުން އޮތީ، މި ހަވީރު ކުރިއަށްގެންދިޔަ ސަރަހައްދަށް އެއްވެފަ އެވެ. ކޮންމެ އަހަރަކު ވެސް ހަވީރުގެ ސްޕޯޓްސް އެވޯޑްސްގެ ފަރާތުން މާލެ އަތޮޅު ކޮންމެވެސް ރަށަކަށް އިޖްތިމާއީ ޒިންމާގެ ދަށުން ދަތުރެއްކުރެ އެވެ. މި ދަތުރުގައި ރަށުގެ ސްކޫލާއި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭއިރު، މި ފަހަރު ހުރައަށް ވެސް ގިނަ އެހީތަކެއް ދިނެވެ. މޯލްޑިވިއަންގެ ނަސީބުވެރިޔާ އަށް ރަމްޒީ ޓިކެޓް ހަވާލުކުރަނީ. --ހަވީރު ފޮޓޯ: ނިޝާން އަލީ އެވޯޑުގެ ޕާޓްނަރު މޯލްޑިވިއަން އިން ހުށަހެޅި ތިން އެއާ-ޓިކެޓުގެ ހައްގުވެރިން ހޮވީ ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ގުރުއަތުލުމެއްގަ އެވެ. މި ގުރުއަތުން ހޮވުނު ތިން ފަރާތަކަށް މޯލްޑިވިއަން އިން ވަނީ، އެ އެއާލައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ބޭނުން މަންޒިލަކަށް ދިއުމަށް އެއާ-ޓިކެޓް ދީފަ އެވެ. އެވޯޑުގެ ޕާޓްނަރު އެސްޓީއޯ އިން ހުރާ ސްކޫލަށް ފިލިޕްސް އޯޑިއޯ ސިސްޓަމެއް ހަދިޔާކުރިއިރު، އުރީދޫ އިން ހަދިޔާކުރީ އެ ރަށު ސްކޫލަށް ތްރީޖީ ޕްލަސް މޯޑަމްތަކެކެވެ. ސަލްސާ ކޭޓަރިންގެ ފަރާތުން ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރިއިރު، އެލައިޑް އިންޝުއަރެންސް އިން ވަނީ ލެޕްޓޮޕެއް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން އެމްއެޗްއޭ އާއި ހަވީރުގެ ފަރާތުން ވެސް ލެޕްޓޮޕް ހަދިޔާކުރިއިރު ސޮނީ ސްޕޯޓްސްގެ ފަރާތުން ވަނީ ކުޅިވަރު ސާމާނު ހަދިޔާކޮށްފަ އެވެ. އެމްއެޗްއޭގެ ފަރާތުން ހުރާ ސްކޫލަށް ލެޕްޓޮޕެއް ހަދިޔާކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި ހަވީރުގައި ރާއްޖޭގެ މަޝްހޫރު ކުޅިވަރު ކުޅުންތެރިންގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބުގެ ކުރީގެ ތަރިން ކަމަށްވާ، 1997 ވަނަ އަހަރު ހަވީރު އެވޯޑް ހޯދި އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އާއި ކުރީގެ ގައުމީ ކީޕަރު އިސްހާގު އީސާ އަދި ފޯވާޑް މައުސޫމް އަބްދުލްގަފޫރު (މާސޭ) ފަދަ ކުރީގެ ތަރިން ބައިވެރިވި އެވެ. ކ. ހުރާގައި މިއަދު ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރިންގެ ހަވީރުގެ ތެރެއިން. --ހަވީރު ފޮޓޯ: ނިޝާން އަލީ ތަރިންގެ ހަވީރު އިންތިޒާމްކުރުމުގައި ހުރާ ކައުންސިލާއި ހުރާ ސްކޫލް އަދި އެ ރަށު ޒުވާނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް "ހަވީރަ"ށް ލިބުނެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް އަކީ 1994 ވަނަ އަހަރުން ފެށިގެން "ހަވީރުން" ދެމުން އަންނަ އެވޯޑެކެވެ. ފުޓްބޯޅަ، ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ އިން 23 އެވޯޑެއް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި ކޮންމެ ކުޅިވަރަކުން ހޮވާ 21 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ