އަންބަރީގެ އަލުން ބަހަން ކުރި ހުކުމް ސުޕްރީމް ކޯޓުގެ ރިޓްއަކުން ބާތިލްކޮށްފި
މީގެ 45 އަހަރު ކުރިން ގ. އަންބަރީގެ ބަހާފައި ވަނިކޮށް އެ ގެ އަލުން ބެހުމަށް ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފި އެވެ. މީގެ 45 އަހަރު ކުރިން 1969 ގައި އޭރުގެ ޖަސްޓިސް މިނިސްޓްރީގެ ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަނުން އަންބަރީގެ ބެހުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުން މިދިޔަ ނޮވެމްބަރު މަހު ހައި ކޯޓުން ބާތިލްކޮށް، އެ ގެ އަލުން ބަހަން ހުކުމްކުރީ އެގޭ މަރިޔަމް ޝާކިރުގެ ތިން ދަރިންގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުންނެވެ. މަރިޔަމް ޝާކިރުގެ ތިން ދަރިން ކަމަށްވާ ހަސަން ޝާކިރާއި އައިމިނަތު ޝާކިރުގެ އިތުރުން ހައްވާ ޝާކިރުގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން ހައި ކޯޓުން ނިންމީ އެއީ ތަރިކަ މުދަލާ ގުޅޭ މައްސަލައަކަށްވެފައި އެ ގެ ބެހި އިރު އެ ތިން މީހުންނަކީ ކުޑަކުދިން ކަމަށްވުމުން އެ ހައްގުން އެ މީހުން މަހްރޫމްވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ އެވެ. އަންބަރީގެ ބެހުމުގެ މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން އަންގާފައި ވަނިކޮށް ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނެގުމަށް ފަހު އެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަނެއްގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފް މުއްދަތު ހަމަވެފައިވަނިކޮށް އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި އެފަދަ ކަންކަން ވަގުތުން ހުއްޓުވަންޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށް އެ ރިޓްގައިވެ އެވެ. އަންބަރީގޭގެ ވެރިޔާ ދޮންމުދިމު ކަލޭފާނު މަރުވުމާ ގުޅިގެން އޭނާގެ ތަރިކަ މުދާ އޭނާގެ ދަރިން ކަމަށްވާ އިބްރާހީމް ޝާކިރާއި ހުސައިން ޝާކިރާއި މަރިޔަމް ޝާކިރާގެ އިތުރުން ހުވަފަތް އަނބި އާމިނާފުޅުގެ މެދުގައި ބަހަން އޭރު ޖަސްޓިސް މިނިސްޓްރީ އަށް ހުށަހެޅީ އިބްރާހީމް ޝާކިރެވެ. އެތަނުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން އެ ގެ 24 ބަޔަށް ބައިކޮށް ކޮންމެ ދަރިއަކަށް ހަތް ބައި އަދި އާމިނާފުޅަށް ތިން ބައި ލިބެ އެވެ. އެކަމަކު މައްސަލަ ހިނގަމުން ދަނިކޮށް މަރިޔަމް ޝާކިރު މަރުވި އެވެ. އަދި އޭނާ އަށް ލިބުނު ބައި އޭނާގެ ދަރިން އަދި ހައި ކޯޓަށް މައްސަލަ ހުށަހެޅި ތިން މީހުންނަށް ދޭ ގޮތަށް އޭރު ނިންމި އެވެ. އަދި އެ ކުދިންގެ މާމަ، އައިމިނާފުޅުގެ އެދުމުގެ މަތިން އޭނާގެ ބައި ވެސް ފުރަތަމަ ދިނީ އެ ތިން މީހުންނަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ބަޔަށް ބަދަލެއްގެ ގޮތުގައި ޖެހޭ 221.87ރ. އެ މީހުންގެ ބައްޕަ އަށް ދީ އެ ބައިތަކާ އެކު އިބްރާހީމްގެ ބައިތައް ވެސް ހިމެނޭ ގޮތަށް އަންބަރީގޭގެ އިމާރާތް އެއްކޮށް ހުސައިން ޝާކިރަށް މިލްކުކޮށްދޭން އިބްރާހީމް އެދުނެވެ. ޖަސްޓިސް އިން ނިންމާފައި އޮތީ ވެސް އެގޮތަށެވެ. ހުސައިން ޝާކިރަށް އެ ގެ އެއްކޮށް މިލްކުވެފައި ވަނިކޮށް އެ ގެ އަލުން ބަހަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިހާރު ބާތިލްކުރުމުން އެ ގެ އަނެއްކާވެސް ހުސައިން ޝާކިރަށް މިލްކުވީ އެވެ. ހަސަން ޝާކިރަކީ ސިފައިންގެ ތެރޭގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށް ފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ