"ދައްކަން ނުވާ ވަރުގެ ވާހަކަ"
ސިޔާސީ ގޮތުން ދައްކައިގެން ނުވާނެ ވާހަކަ ހުންނާނެ ކަމަށް، ސިޔާސީ ބައެއް ބޭފުޅުންނަށް ގަބޫލުނުކުރެވިދާނެ އެވެ. ސަބަބަކީ ސިޔާސީ ދާއިރާއަކީ އިނގިރޭސި ބަހުން ބުނާ ގޮތުން ނަމަ "ޑާޓީ ގޭމް" އަކަށް ވާތީ އެވެ. އެފަދަ މުޑުދާރު ކުޅިގަނޑެއްގެ ތެރޭގައި ކޮށްފައި ނުކުރާނެ ކަމެއް ނުހުންނާނެތީ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވާ ގޮތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ބެހޭ ގޮތުން، ސިޔާސީ ބޭފުޅުންގެ މެދުގައި މިހާރު ދައްކަމުންދަނީ އެއްގޮތަކަށް ވެސް ދައްކަން ހެޔޮވާ ވަރުގެ ވާހަކަތަކެއް ނޫނެވެ. އަދި އަމުދުން، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލަ އަކީ، އެއްގޮތަކަށް ވެސް މަޖިލީހަށް ވައްދަން ހެޔޮވާ ވަރުގެ ވާހަކައެއް ނޫނެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ، އެފަދަ ބޮޑު ޖަމާއަތަކުން ވަކިވެއްޖެ ނަމަ، ބައިނަލްއަގުވާމީ ގޮތުން އެކަހެރިވާ އެކަހެރިވުމެވެ. ކޮމަންވެލްތުގައި ހިމެނޭ މުއްސަނދި ގައުމުތަކަކީ، ރާއްޖެ އަށް މިހާރު ވެސް އެކި ގޮތްގޮތުން އެހީވެދޭ ގައުމުތައް ކަމަށްވާ އިރު، އެފަދަ ގައުމުތަކުން ވެދޭ އެހީތަކަށް ބުރޫ އެރުމަކީ ވެސް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ޒާހިރު ދެކެވަޑައިގަންނަވަ އެވެ. އެއީ ދައްކަން ނުވާ ވަރުގެ ވާހަކައެއް ނަމަވެސް، އެ ވާހަކަ މިހާރު ވަނީ ދެކެވިފަ އެވެ. އަދި އަމުދުން، އެފަދަ ވާހަކައެއް ދައްކައިގެން ނުވާނެ ފަރާތްތަކުން ވެސް އެ މޭރުމުން ވާހަކަ ދައްކާފައިވާ އިރު، އެކަމުގެ ސީރިއަސްކަމާ މެދު ވިސްނައިލެވުނު ބާވައޭ ހިތަށްއަރަ އެވެ. ކޮމަންވެލްތުގެ ތާރީޚަށް ބަލާއިރު، އެ ޖަމާއަތުން އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އެއް ގައުމަކީ ދެކުނު އެފްރިކާ އެވެ. އެއީ އޭރު އެ ގައުމުގައި އޮތް ވެރިކަމުގެ ފަރާތުން ރައްޔިތުންގެ މެދުގައި ގެންގުޅުނު ނަސްލީ ތަފާތުކުރުންތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އުސޫލުތަކުގެ ސަބަބުންނެވެ. ދެކުނު އެފްރިކާއާ ދެކޮޅަށް ކޮމަންވެލްތުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ދަތިތައް ކުރިމަތިވެދާނެ ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. އެ ފިޔަވަޅުތައް އަޅަން ޖެހުނު މައިގަނޑު ސަބަބަކަށްވީ، އޭރު އެ ގައުމުގެ ސަރުކާރުން ހިންގަމުން ދިޔަ، ޒަމާނީ ޑިމޮކްރެސީގެ ހަމަތަކާ ޚިލާފު އަމަލުތަކެވެ. ރާއްޖެ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވީ، އެ ކަމަށް އަމިއްލަ އަށް އެދިގެން 1982 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮމަންވެލްތުގައި ރާއްޖެ ގެންގުޅެފައިވަނީ ވަރަށް މިނިވަން ޑިމޮކްރެޓިކް، ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް، ކޮމަންވެލްތުން ރާއްޖެ ވަކިވާ ވާހަކަ ސިޔާސީ ބައެއް ފަރާތްތަކުން ފެންމަތިކޮށްގެން އުޅޭ އިރު، މި ކަމުގެ ސީރިއަސްކަމާއި، ރާއްޖެ ފަދަ "ކުޑަ" ގައުމަކަށް އެކަމުން ކުރިމަތިވެދާނެ އިތުރު މައްސަލަތަކާ މެދު ވިސްނައިލާން ޖެހެ އެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ވާހަކަ ފެންމަތިވެފައިވަނީ، ފެބްރުއަރީ ،7 2012 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި، ވެރިކަން ބަދަލުވުމާ ގުޅިގެން، އެކަމާ މެދު އުފެދިފައިވާ ސިޔާސީ އަރާރުމެއްގެ ސަބަބުންނެވެ. މައިގަނޑު ސަބަބަކަށްވީ، ވެރިކަމުން އިސްތިއުފާ ދެއްވީ ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުންކޮށް ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށް، އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ފަހުން ނަޝީދު ވިދާޅުވާން ފެއްޓެވުމުން، އެމަނިކުފާނުގެ އެ ތުހުމަތުގެ ހަގީގަތަކީ ކޮބައިކަން ބެލުމެއް ނެތި، އަވަސް އިންތިހާބަކަށް ކޮމަންވެލްތުން ގޮވައިލުމާ ވިދިގެންނެވެ. މިއަދާ ހަމައަށް އައިއިރު ވެސް، ވެރިކަން ބަދަލުވީ، ނަޝީދު އެ ވިދާޅުވާ ފަދަ ގޮތަކަށް ކަމަށް މިނިވަން މުސްތަގިއްލު ގޮތެއްގައި ބެލިފައެއް ނެތެވެ. އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި އަވަސް ރިއާސީ އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތުން ގޮވާލާފައިވަނީ، ރާއްޖޭގެ ގާނޫނު އަސާސީގައި އޮތް އެއްޗަކަށް ވެސް ބެލުމެއް ނެތި އެވެ. އެ ސަބަބުތައް އެހެން ހުރި ކަމަށް ވިޔަސް، ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ އެ މައްސަލައިގެ ހައްލު ބާވަ އެވެ؟ "ކޮމަންވެލްތުން ވަކިވެގެން ރާއްޖެ އަށް ލިބޭނެ ވަކި ފައިދާއެއް ނެތް. ލިބުނަސް ލިބޭނީ ގެއްލުމެއް. މި ދެންނެވީ މާލީ ގެއްލުންތަކެއްގެ ވާހަކައެއް އަކަންޏެއް ނޫން. ބައިނަލްއަގުވާމީ މުޖްތަމައާ މޫނު ކެނޑުމަކީ ވަރަށް ބޮޑު ގެއްލުމެއް. އެފަދަ ޖަމާއަތްތަކުގެ ބައްދަލުވުންތަކުގައި ހިއްސާކުރެވޭ ކަންތަކާއި އެފަދަ ޖަމާއަތްތައް މެދުވެރިވެގެން ދޭދޭ ގައުމުތަކުން ރާއްޖެ އަށް ދޭ އެހީތަކެއް ހުއްޓިގެން ދިއުމަކީ ވެސް މެދުވެރިވެދާނެ ކަމެއް،" 'ހަވީރަ'ށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލައިގެ ހައްލަކީ، ކޮމަންވެލްތުން ވަކިވުމެއް ނޫނެވެ. "މިހާރު މި ދިމާވެގެން މި އުޅޭ މަައްސަލަ އަކީ، މިހާރުގެ ސަރުކާރު ކުރިމަތިލާން ޖެހިފައި މިވަނީ، ޕްރޮޕަގެންޑާ ފެތުރުމުގައި ވަރަށް ސްމާޓް ބޭފުޅަކާ. އެ ބޭފުޅާ މީޑިއާގެ ވަސީލަތްތަކުގައި އެ ފަތުރާ ޕްރޮޕަގެންޑާގެ ސަބަބުން، ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް، އެ ނޫން ގޮތަކަށް ބަޔަކަށް ކަންކަން ގަބޫލުކުރެވިދާނެ. އެހެންވީމާ، ސަރުކާރުން ކުރަން ޖެހޭ ކަމަކީ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން. މިހާރު ވެސް ކަންކަމުގެ ހަގީގަތް ހާމަވަމުންދާ ވަރަކަށް، ބޭރު ގައުމުތަކުގެ ވިސްނުން އެ ދަނީ ބަދަލުވަމުން. އިންޑިއާގެ ވިސްނުން މިހާރު ވެސް ބަދަލުވެއްޖެ ނޫންތޯ، ހަގީގަތް ބުނެދޭން ފެށީމާ،" ޒާހިރު ވިދާޅުވި އެވެ. ޒާހިރު ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރަށް ވެސް މި ވަގުތު ކުރިމަތިވެފައިވާ މައްސަލަ އަކީ، ކަމުގެ ހަގީގަތް އޮޅުވައިލުމަށް ޕްރޮޕަގެންޑާ މެޝިންތަކުން ޖެހި މަޅީގައި ސަރުކާރު ބެދުމެވެ. ހަމަ އެހެންމެ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ދިން އިންޒާރުތަކަކީ ހަގީގަތަށް ބެލުމެއް ނެތި ދިން އިންޒާރުތަކެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. "ހަގީގަތުގައި ސީމެގުން ލަދުގަންނަން ޖެހޭނެ. ތިމާމެން ކިތަންމެ ރުހޭ މަގުބޫލު މީހަކު ދައްކާ ވާހަކައަކަށް ވިޔަސް، ކަން އޮތް ގޮތެއް ބެލުމެއް ނެތި، އެ ވާހަކައިގެ ދޮގުތެދު ބެލުމެއް ނެތި، ގައުމަކަށް މިފަދަ ކަންތައް ކުރިމަތިކުރުވައިގެން ނުވާނެ،" ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމަންވެލްތުން ހަރުކަށި އިންޒާރުތަކެއް ދިން ކަމުގައި ވިޔަސް، އެ ކަމުގެ ހައްލެއް ހޯދަން ޖެހޭނީ، މޫނު އަނބުރާލާފައި ދިއުމުގެ ބަދަލުގައި އެ ބަޔަކާ އެކު ވާހަކަދައްކައި ހަގީގަތް ވިސްނައިދީގެންނެވެ. "މިސާލަކަށް ބައްލަވާ މެދުއިރުމަތީގެ ގައުމުތައް. ކިތައް ގައުމަށްތޯ އދ. އިން މި ކަހަލަ އިންޒާރުތައް ދީފައި ހުރީ. އެ ގައުމުތަކުން ނޫޅެޔޭ އދ. އިން ވަކިވާކަށް. އެ ގައުމުތަކަކީ މާ މުއްސަނދި މާ ފޯރާ ގައުމުތައް ނޫންތޯ؟ އދ. އިން ވަކިވިޔަސް މާ ބޮޑު ގެއްލުމެއް ވެސް ނެތެއް ނޫންތޯ އެ ގައުމުތަކަށް؟ އެކަމަކު ވެސް އޭގެ ބަދަލުގައި އެ ގައުމުތަކުން އެ ބަލަނީ ކަންކަމުގެ ހަގީގަތް ވިސްނައިދީ ހާމަކޮށްދީގެން މައްސަލަތައް ހައްލުކުރެވޭތޯ،" ޒާހިރު ވިދާޅުވި އެވެ. ރާއްޖެއަކީ އެފަދަ ގައުމުތަކާ އަޅާ ބަލާއިރު، ހުރިހާ ގޮތަކުން ވެސް މާ ނިކަމެތި ހާލަތެއްގައި އޮތް ގައުމެކެވެ. އެހެންކަމުން ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ ބޮޑު ޖަމާއަތަކަށް ރުޅިމޫނު ދައްކައިގެން ވާނެ ފައިދާއެއް ނެތެވެ. މި ފަހުގެ ތާރީޚަށް ބަލާއިރު، ކޮމަންވެލްތުން ހަރުކަށި ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ޒިމްބާބުވޭ އާއި ފިޖީ ހިމެނެ އެވެ. ޒިމްބާބުވޭގެ ޚުދުމުޚުތާރު ވެރިޔާ ރޮބަޓް މުގާބޭގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކޮމަންވެލްތުން އެ ގައުމު ސަސްޕެންޑްކުރީ މާޗް ،19 2002 ގަ އެވެ. އަދި ޑިސެމްބަރު ،7 2003 ގައި ޒިމްބާބުވޭ ވަނީ އަމިއްލަ އަށް ކޮމަންވެލްތުން ވަކިވެފަ އެވެ. ކޮމަންވެލްތުން ފިޖީ ސަސްޕެންޑްކުރީ 2006 ވަނަ އަހަރު އެ ގައުމަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން، ޑިސެމްބަރު ،8 2006 ގަ އެވެ. ކޮމަންވެލްތުގެ އެ ފިޔަވަޅުގެ ނަތީޖާއަކަށްވީ އޮސްޓްރޭލިޔާ އާއި އެ ނޫނަސް ފިޖީ އަށް އެންމެ ބޮޑަށް އެހީތެރިވެދޭ ގައުމުތައް ފިޖީ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ