ރައްޔިތުން ނިކުމެ މަތިވެރި ސާފުކޮށް މުޅި ރަށް ޗާލުކޮށްލައިފި

"މަގޭވެށި – ޗާލު މަތިވެރި" މި ޝިއާރުގެ ދަށުން އއ މަތިވެރި ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގައިފައެވެ.
މިއަދު ކުރިއަށް ގެންދެވުނު މި މިޕްރޮގްރާމްގައި މަތިވެރީގެ ކުދިބޮޑު ރައްޔިތުން ބައިވެރިވެފައިވެއެވެ.
އެގޮތުން ރަށުގެ ކުދިބޮޑު 400 އަށްވުރެ ގިނަ މީހުން ވަނީ ސާފުކުރުމުގެ ޕްރަގްރާމްގައި ބައިވެރިވެފައެވެ.
މިއަދު ހެދުނު 8:00 ގައި ފެށި މަތިވެރި ސާފުކުރުމުގެ މަސައްކަތުގެ ދަށުން މެންދުރުކުރީ 11:00 އާއި ހަމައަށް ރަށުގެ އެކި ސަރަހައްދުތަކުން 16 ޓަނުގެ ކުނި ވަނީ ކުނިކޮށްޓަށް އުކާލެވިފައެވެ.
މައިގަނޑު ގޮތެއްގައި ކުނީގެ ތެރޭގައި އުކާލެވިފައިވަނީ ފަތްކުނި، ޕްލާސްޓިކް އަދި ދަނގަޑުގެ ބާވަތްތަކެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ އިން އުކާލެވިފައިވަނީ ފަތްކުނިކަމަށް މަތިވެރި ކައުންސިލުން މައުލޫމާތުދެއެވެ.
މިޕްރޮގްރާމް މިއަދު ހަވީރު 4:00 އާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަތިވެރި ސާފުކުރުުމުގެ މަސައްކަތުގެ ތެރެއިން މެންދުރު ނަމާދަށް 12:00 ގައި މަސައްކަތް މެދުކަނޑާލުމަށްފަހު މެންދުރުގެ ކެއުން އިންތިޒާމުކުރެވިފައިވަނީ ހުރިހާ ބައިވެރިން އެއްޖަމާއަތެއްގައި އެކުވެރި މާހައުލެއްގައެވެ.
މެންދުރުގެ ކެއުން ކުރިއަށް ގެންގޮސްފައިވަނީ މަތިވެރީ ސްކޫލްގައެވެ.
މިދުވަހަކީ ރަށްސާފުކުރާ ދުވަސްކަމުގައި ކަނޑައެޅިފައިވާތީވެ ރަށުގައި މަސައްކަތްކުރުމަށް އުޅޭ ބިދޭސީ މީހުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިކަމަށާ އެއީ އުފާކުރާކަމެއްކަމަށްވެސް މަތިވެރީ ކައުންސިލުން ވަނީ ބުނެފައެވެ.
މިއީ ރަށުތެރެ ސާފުކުރުމަށް މަތިވެރީ ކައުންސިލުން އިސްނަގައިގެން ހިންގި މިފަދަ ދެވަނަ ޕްރޮގްރާމެވެ.
މަތިވެރީ ކައުންސިލުން ބުނީ މިފަހަރުގެ ރަށްސާފުކުރުމުގެ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމުގައިކަމަށެވެ. އެގޮތުން "މަގޭވެށި – ޗާލު މަތިވެރި" ޕްރަގްރާމް ސޮޕޮންސަރު ކޮށްފައިވަނީ މަތިވެރީ ޕޮލިސްޓޭޝަން، މަތިވެރި ސިއްހީމަރުކަޒު، ޔުނިއަން ސްޕޯޓްސް ކްލަބް، ޒެނިކް ސްޕޯޓްސް ކްލަބް، ރަހްމަތްދޯނި، ހިތްވަރު 3، ހިތްވަރު 4 ، ސިލްވާސްޕޮޓް، ކާޒާ މިއާ، ހޮލިޑޭ މަތިވެރި އިން، މަތިވެރި ލޮޖް، މާންސް ޓީމް، އަންބަރު ގްރޫޕް، ރޯޔަލްނައިޓްސް، ނެވި ސްޕީޓްލޯންޗްއިންކަމަށެވެ.
މަތިވެރީ ކައުންސިލުން ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އަދި "މަގޭވެށި – ޗާލު މަތިވެރި" ޕްރަގްރާމަށް ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުންވެސް ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ