ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުފިއްލަވާ ކަމަށާއި އޮކްޓޯބަރު މަހުގެ ނިޔަލަށް ވަޑައިގެން ކަރެކްޝަނަލް ސާވިސްއާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ގާސިމްގެ އާއިލާއިން އަންގައިފިއެވެ.
އާއިލާއިން އެހެން ބުނެފައިވަނީ ގާސިމުގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ކޮމިޝަނަ އޮފް ޕްރިޒަންސްއަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
ގާސިމްގެ މެޑިކަލް ލިއުންތަކާއި ތަފުސީލުތައް ގަވާއިދުން ކަރެކްޝަނަށް ހުށަހަޅާ، ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތާއި ޓްރެވަލް ޑޮކިއުމެންޓުގެ މުއްދަތު އިތުރުކޮސްދޭން އެދެމުން ދަނިކޮށް ގާސިމް ފިއްލެވީ ކަމަށް ނިންމާ ގާސިމު ގެންނަން ފުލުހުންނާއި ހަވާލުކޮށްފައިވާތީ ހިތާމަ ކުރާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި ބުނެފައިވަނީ ގާސިމަށް ފަރުވާ ދެމުން ދަނީ ހިތުގެ ބަލިތަކަކަށް ކަމަށް ވެފައި، އިތުރު ކަންތައްތަކެއް ދިމާވާތީ، ކާޑިއެކް ރިހެބިލިޓޭޝަންވަނީ ފައްޓާފައެވެ. މިމަހުގެ ހަވަނަ ދުވަހު ޑޮކްތަރަށް ދެއްކުމުން ދީފައިވާ ލިއުން ކަރެކްޝަނަށް ފޮނުއްވި ކަމަށާއި، އެ ލިއުމުގައި ތިން ދުވަސް ވަންދެން ހިތުގެ ހިނގުން މޮނިޓަ ކުރަން ޖެހޭކަން އަންގާފައިވާ ކަމަށާއި، ހާޓް އެޓޭކެއް ޖެހިދާނެ ކަމުގެ ބިރު ބޮޑު ކަމަށާއި، އީ.ޕީ ޓެސްޓު ހެދުމުގެ ކުރިން މަތިންދާ ބޯޓުން ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އޭގެ އިތުރުން އީޕީ ސްޓަޑީ ހެދުމަށް ދެ ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހޭނެ ކަމަށާއި، އިތުރު މައްސަލަތަކެއް ދިމާ ނުވާ ނަމަ 28 އޮކްޓޯބަރުގައި މަތިންދާ ބޯޓުގައި ދަތުރު ކުރުމުގެ މައްސަލައެއް ނެތް ކަމަށާއި އިތުރު މައްސަލަތަކެއް ދިމާވާ ނަމަ އިތުރަށް ސިންގަޕޫރުގައި މަޑު ކުރަން ޖެހިވަޑައިގަންނަވާނެ ކަން އަންގާފައިވާ ކަމަށް ވެސް އާއިލާއިން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން ގާސިމަށް ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމެންޓުގެ މުއްދަތު އޮކްޓޮބަރު މަހުގެ 31 ނިޔަލަށް އިތުރުކޮށް ދިނުމަށާއި ގާސިމަށް އެނބުރިވަޑައިގެންނެވޭނީ ވެސް ސައްހަ ތްރެވަލް ޑޮކިއުމެންޓެއް އޮވެގެން ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ހާލުކޮޅު ބޮޑުވެ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮންނަވަނިކޮށް ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން މުއްދަތު އިތުރުކޮސްދީފައި ވެއެވެ. އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަވެފައިވަނީ މިމަހުގެ ހަވަނަ ދުވަހަށެވެ. އެ ދުވަހު ގާސިމް ވަޑައިނުގެންނެވުމުން ގާސިމް ފިއްލެވީ ކަމަށް ބަލައި ގެނައުމަށް ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގާސިމް އަނބުރާ ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ގާސިމް ނުފިއްލަވާ، އޮކްޓޯބަރު މަހުގެ ނިޔަލަށް ވަޑައިގަންނަވާނެ: އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ