ބަނގުރާ މައްސަލައިގައި ކޯޓަށް ނާންނަނަމަ ޙާމިދާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޯޓުން ދީފި

ކޯޓަށް ހާޒިރުނުވުމުން ހަމަހަށް ޖަލަށްލުމަށް މިއަދު ޙުކުމްކުރި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު އަބުދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ދައުވާގެ ޝަރީއަތައް އޭނާ ހާޒިރު ނުވާނަމަ އޭނާއާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު މައްސަލަ ބައްލަވާ ގާޒީ މުހްތާޒް މުހުސިން ދެއްވައިފިއެވެ.
ޙާމިދުއާއި ދެކޮޅަށް އުފުލިފައިވާ ކުޑަކަމުދާ ތަކެތި ނުދިނުމުގެ މައްސަލައިގެ ޝަރީއަތައް އޭނާ ހާޒިރު ނުވާތީ ކޯޓުގެ ހުރުމަތް ކެނޑައިފި ކަމަށް ނިންމާ އިސްގާޒީ އަބުދުﷲ މުޙައްމަދު މިއަދު ޙާމިދުގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ޙުކުމެއް ކުރުމުގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހްތާޒް ވިދާޅުވީ ވަކި އެއްޗެއް ނާންގާ ޝަރީއަތައް ހާޒިރު ނުވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ހޮނޑައިދޫއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަނގުރާ ގެންގުޅުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މިއަދު ޝަރީއަތް ބާއްވަން ޝަޑިއުލް ކޮށްފައި އޮތީ ޙާމިދުގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލް ހިމެނޭ މައްސަލައިގެ ޝަރީއަތެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމެއް ކުރިއަށް ދާތީ މިއަދު ހާޒިރު ވެވެން ނެތް ކަމަށް ޖާބިރު އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ޙާމިދު ވަކިއެއްޗެއް ނާންގާކަމަށް ގާޒީ ވިދާޅުވިއެވެ. ޖާދުﷲ މިއަދުގެ ޝަރީއަތައް ހާޒިރު ވިއެވެ. ނަމަވެސް ޝަރީއަތް މިއަދު ކުރިއަކަށް ނުގެންދެއެވެ.
މިމައްސަލައިގައި މިއަދު އޮތީ ހެކިންގެ ހެކިބަސް ނަގާގޮތައް ހަމަޖައްސާފައެވެ. ނަމަވެސް ދައުލަތުން ބުނީ ހެކި ހުށަހަޅަން ބޭނުންވަނީ ދައުވާ ލިބޭ މީހުންގެ ހާޒިރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ