އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން ނިންމާފައިނުވާތީ އިންތިހާބު މިއަދު ބާއްވަނީ

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން ނިންމާފައިނުވާތީ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިއަދު ފަތިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓްތަކުގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ސޮއިނުކުރި މައްސަލަ އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެކަމުގެ ލަފަޔަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދުނު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑުލައިންގެ ތެރެއިން ފައިނަލް ވޯޓާސް ލިސްޓުގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުން ސޮއިކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ފައިނަލް ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއި ނުކުރައްވަނީސް އިންތިހާބު ނުބޭއްވުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށާއި ޕީޕީއެމަށާއި ޖުމްހޫރީ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިންތިޚާބާ ގުޅިގެން އަމަލްކުރަންވާނެ ގޮތް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޮންނާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ސިޓީގައި އިންތިހާބު ފަސްކުރަން ނުވަތަ އިންތިހާބު ހުއްޓުވަން އަންގާފައިނުވާ ކަމަށާއި އެހެންކަމުން ކުރިއެކޭ ވެސް އެއްގޮތަށް މިއަދު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވޯޓު ލިސްޓާއި، ވޯޓު ފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސްތައް ތަން ތަނަށް ގެންދަން ވާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާއިރު ފުއާދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން މައްސަލަ ކޯޓަށް ވެއްދި ހިސާބުން އެ މައްސަލަ ނިމޭނެ ވަގުތަކާއި ހަމައަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލި ކަމަށެވެ.
އެހެންވެ ރޭ ދަންވަރު ފުރަން ހަމަޖެހުނު ބައެއް ފްލައިޓުތައް ނުފުރިގެން ކެންސަލްކުރަން ޖެހުނު ކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ފޯނުން ގުޅުއްވައި ސުޕްރީމް ކޯޓުން ނިންމަވާ ހިސާބަކުން އަމަލުކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ވަކި ގޮތެއް އެންގެވުމާއި ގުޅިގެން ފުލުހުންގެ އެހީއާއި އެކު އެއްޗެހިތައް ފޮނުވޭނެ ގޮތްވޭތޯ ބަލަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު މިއަދު ރަށްރަށަށް އެއްޗެހި ފޮނުވޭތޯ ބަލަމުން ގެންދާ ކަމަށާއި މިއަދު ބައެއް ރަށް ރަށުގައި 7:30 ގައި ވޯޓުލުން ނުފެށުނު ކަމުގައިވިޔަސް އިންތިޒާމުތައް ހަމަޖެއްސުމަށްފަހު ވީހާވެސް އަވަހަކަށް މިއަދު އެރަށް ރަށުގައި ވޯޓުލުން ފެށޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
ފަޔާޒް ވިދާޅުވީ މިއަދު އެންމެ ލަސްވެގެން ބައެއް ރަށް ރަށުގައި މެންދުރު 12 ޖަހާއިރު ވޯޓު ލުން ފެށޭވަރުވާނެ ކަމަށާއި އަދި ރައްޔިތުންނަށް ވޯޓުލުމަށް ވަގުތު ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 12 ޖަހާއިރު ވޯޓުލުން ފެށޭ ރަށްތަކުގައި ގާތްގަނޑަކަށް ރޭގަނޑު 9 ޖަހާއިރު ވޯޓުލުން ނިމޭނެ ކަމަށް ލަފާ ކުރެވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ 2 ކެންޑިޑޭޓުން ސޮއިކުރުމުގެ ކަންތައްތައް ފިޔަވައި ހުރިހާކަމެއްވެސް ކުރިއަށް ގޮސްފައިވަނީ ސްޕްރީމް ކޯޓްގެ ގައިޑްލައިނާއިއެކު ކަމަށާއި ކެންޑިޑޭޓުން ސޮއިނުކުރެއްވި ނަމަވެސް މިއަދު އިންތިހާބު ނުބާއްވާ ދޫކޮށްލެވެން ނެތް ކަމަށެވެ.
މަނިކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެހެން ބައެއް ލައްވާ ގަދަ ކަމުން ކަމެއް ކުރުވުމަށް ލާޒިމެއް ނުކުރެވޭނެ ކަމަށާއި ނަމަވެސް ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ޕީޕީއެމާއި ޖޭޕީން ބުނާ ފިންގަރ ޕްރިންޓު ވެރިފައި ކުރުމަކީ ކޮމިޝަނަށް ލިބިގެންވާ ގާބިލް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއްކޮޅުން ސުޕްރީމް ކޯޓުގެ ހުކުމުގައި އެބަބުނޭ މިއަދު އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް، އެހެންވެ ކުރިއަށް ދަނީ، ދެން ރައްޔިތުން ގަބޫލުކުރާ އިންސާފުވެރި އިންތިހާބެއްތޯ، އިންސާފުވެރި އިންތިހާބެއް ނޫންތޯ." މަނިކު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ