ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.
މިއަދު ނެރުނު އަމުރުގައި ބުނަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ޖަހާއިރަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ. ފުލުހުން ވަނީ ކޯޓުގެ އެ އަމުރު ލިބިފައިވާ ކަން ކަށަވަރުކޮށްދީ، އަދި އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުނެފަ އެވެ.
މި މައްސަލާގެ އަޑުއެހުމެއް ފުރަތަމަ ބާއްވަން ތާވަލްކުރީ މިދިޔަ ހޯމަދުވަހު އެވެ. އެދުވަހު ކޯޓަށް ހާޒިރުވެ ވަޑައި ނުގަތުމުން ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެދި މީގެ ކުރިންވެސް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. އެ އަމުރާ ގުޅިގެން އޭރު ފުލުހުން ބުނެފައި ވަނީ އެ އަމުރުގައި ހަވާލާދީފައިވާ މާއްދާއަކީ މީހަކު ހައްޔަރުކޮށްގެން ހާޒިރުކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށާއި ރައީސް ނަޝީދުގެ ނުރުހުމުގައި ކޯޓަށް ހާޒިރު ކުރުމުގެ ބާރު އެ މާއްދާއިން ނުލިބޭ ކަމަށެވެ.
މި މައްސަލާގައި ފުރަތަމަ އަމުރު އިސްތިއުނާފުކުރުމަށް ފުލުހުން ހުށަހެޅުމުން ހައި ކޯޓުން މިއަދު ވަނީ ހުޅުމާލޭ ކޯޓަށް ނަޝީދު ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށް ވެސް ކަނޑައަޅާފަ އެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ހާޒިރުވެ ވަޑައި ނުގަތުމުން މިއަދަށް ތާވަލްކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މިމައްސަލަ ކުރިއަށްދާއިރު ހުޅުމާލޭ ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ފުރައިވަޑައި ނުގަތުމަށް އެ ކޯޓުން ރައީސް ނަޝީދަށް އަންގާފައި ވަނިކޮށް އެމަނިކުފާނު ވަނީ ކޯޓުގެ އަމުރާ ދެކޮޅު ހައްދަވައި އެމްޑީޕީގެ ކެމްޕެއިން ދަތުރެއްގައި ދެކުނުގެ އަތޮޅުތަކަށް ފުރާ ވަޑައިގެންފަ އެވެ.
ޢަބްދުﷲ މުޙަންމަދު ހައްޔަރުކުރި މައްސަލާގައި، ނަޝީދުގެ މައްޗަށް ދަޢުވާކުރަނީ ޤާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ކުށެއް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ރައީސް ނަޝީދުގެ މައްޗަށް މި ކުށް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެނަމަ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލި ވަޑައިގަންނަވާނެ އެވެ.
ނަޝީދު ހައްޔަރުކޮށްގެން ހާޒިރުކޮށްދިނުމަށް ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ