އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރާ އެކު ގާއިމުކޮށްފައިވާ އެއްބަސްވުން ހަދާފައި އޮތީ އިނގިރޭސި ވިލާތުގެ ގާނޫނުތަކުގެ ދަށުން ކަމަށް ވާތީ، އެ އެެއްބަސްވުމުގެ މައްޗަށް ރާއްޖޭގެ ގާނޫނުތައް ހިނގާނެކަން ކަނޑައަޅައިދިނުމަށް އެދިވަޑައިގެން މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.ބަންޑާރަ ނާއިބު ވިދާޅުވީ މިގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ކޮންޓްރެކްޓެއްގައި ހިމެނޭ އާބިޓްރޭޝަން ކްލޯސްއެއްގެ ދަށުން، އެހެން
ގައުމެއްގައި މައްސަލައެއް ހައްލުކުރުމުގެ އިހްތިސާސް އޮތަސް
ކޮންޓްރެކްޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ނުވަތަ ކޮންޓްރެކްޓެއްގައި ހިމެނޭ
ކަމަކާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު އެ ގައުމެއްގެ ކޯޓުތަކަށް ވެސް
އޮންނާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިރޭ ނެރުނު ނޫސްބަޔާނާ ގުޅިގެން ކަމަށެވެ. އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނާ ގޮތުން ރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް އަށް އިތުރު ފުރިހަމަ ކަމެއް ލިބޭ ކަމަށާއި އެ ކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގެ މައްސަލަ ރާއްޖޭގައި ބެލޭ ނަމަ ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ އެއްބަސްވުމެއްގައި ބޭރުގެ އާބިޓްރޭޝަން އަށް ދިއުމަށް އެއްބަސްވާ ނަމަ މީގެ ކުރިން ކަންތައް ކޮށްފައި ވަނީ ވެސް އެގޮތަށް ކަމަށެވެ. ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ އެ އެއްބަސްވުން ބިނާވެގެން ވަނީ އިނގިރޭސި ވިލާތުގެ ގާނޫނުތަކުގެ މައްޗަށް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މައްސަލައެއް ހައްލުކުރުމަށް ދެ ފަރާތް އެއްބަސްވަނީ ހަމަ އެކަނި ސިންގަޕޫރުގެ އާބިޓްރޭޝަން މެދުވެރިކޮށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ހިނގާ އެންމެހާ
މީސްތަކުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ
އިހްތިސާސް ހިނގާނެކަން" ކަށަވަރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކޯޓްތަކުގެ އިހްތިސާސަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތުގެ
އެކިއެކި ކަންކަމާ ހަވާލުވެ ތިބި ފަރާތްތަކާއި ދިވެހި ރައްޔިތުންނަށް އަންގާ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓެއްގެ އިހްތިސާސަށް ހުރަސް އެޅޭނެ ކަމެއް ބޭރުގެ އެއްވެސް ފަރާތަކަށް ނުނިންމޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖީއެމްއާރު އެގްރިމެންޓަށް ރާއްޖޭގެ ގާނޫނުތައް ހިނގާނެކަން ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ