ފުވައްމުލަކު ހޯދަޑު އަވަށުގައި ހުންނަ ހަތަރު މިސްކިތުގެ ކަރަންޓް ބިލް ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދައްކާފައިނުވާތީ ކަރަންޓް ކަނޑާލުމުގެ ރަތް ނޯތިސް ދީފި އެވެ.
ސަދަން ޔޫޓިލިޓީސް އިން ދީފައިވާ ރެޑް ނޯޓިސްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން މަހު ވެސް އެ މިސްކިތުތަކުގެ ކަރަންޓް ބިލްތަކުގެ ފައިސާ ދައްކާފައި ނުވާ ކަމަށާއި އަންނަ އާދިތަ ދުވަހު ފައިސާ ނުދައްކައިފި ނަމަ އެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެ ކަމަށެވެ.
ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ މިސްކިތްތަކުގެ ކަރަންޓް ބިލް ނުދެއްކިފައި ވަނީ ސަރުކާރުން ބަޖެޓް ދީފައިނުވާތީ ކަމަށާއި ބަޖެޓް ހޯދުމަށް އެތައް ފަހަރަކު ފިނޭންސްގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ހަތަރު މިސްކިތް ދިއްލުމަށް ޓަކައި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ހޯދަޑު ހަތަރު މިސްކިތް ދިއްލުމަށް ޓަކައި މިސްކިތަށް ފާނޫޒާއި ބައްތި އާއި ފުޅި ބައްތީގެ އިތުރުން އުއްބައްތި ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް މިހާރު އަޅުގަނޑު އެދެން،" އިބްރާހިމް ވިދާޅުވި އެވެ.
އެ މައްސަލާގައި ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވަތީ އެ ބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުވައްމުލަކު ހޯދަޑު ހަތަރު މިސްކިތަކުން ކަރަންޓް ކަނޑާލުމުގެ ރެޑް ނޯޓިސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ