30 އަހަރު ޖަލުގައި އޮންނަ ޖެހުނަސް އަބްދުﷲ ގާޒީ ދޫކޮށް ނުލާނެ ކަމަށް ތޮލަހަތު ވިދާޅުވި: ހެކި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމާ ދެކޮޅަށް ބައެއް މީހުން މިރޭ ހެކިބަސްދީފި އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ނިންމެވުމުގެ މަތީން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ބައިވެރިވެ އޮޕަރޭޝަން ހިންގެވުމުގައި އޭރުގެ ޑިފެންސް މިނިސްޓަރު އުޅުއްވިކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކި ބަސް މިރޭ ނަގާފައިވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު ތޮލްހަތުގެ ޕާސަނަލް ސްޓާފް އޮފިސަރު އެމްއެންޑީއެފްގެ ލެފްޓިނަންޓް އަލީ އިހްސާން ހެކި ބަސް ދެއްވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނިކޮށް ތޮލްހަތު ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަވަމުން "30 އަހަރު ޖަލުގައި އޮންނަން ޖެހުނަސް އަބްދުﷲ ގާޒީ ދޫކޮށް ނުލާނެ" ކަމަށް ވިދާޅުވި އަޑު އިވިވަޑައިގެންނެވި ކަމަށެވެ. އޭގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ވާހަކައެއް އެހެން ދުވަހެއްގައި ވެސް މީހަކަށް ގުޅައިގެން ތޮލްހަތު ދެއްކެވި އަޑުއިވުނު ކަމަށާއި އެ ދުވަހު ވެސް ވާހަކަ ދެއްކެވީ ކާކާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރަން ތޮލްހަތު އެއްވެސް މީހަކަށް އަމުރެއް ކުރި އަޑު ވެސް އަދި ލިޔުމަކުން ވެސް އެންގެވިކަން އެނގިފައިނުވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަހުގެ ރޭ ތޮލްހަތާއި އޭރު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ ވަނީ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭގެ އިރާކޮޅު އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް ތޮލްހަތަށް ފޮނުއްވި ސިޓީއަކާ މިނިސްޓަރުގެ އެދިވަޑައިގަތުމަށް ހަވާލުވި ކަމަށާއި އޭގައި އޮތީ އަބްދުﷲ ގާޒީގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ދަތިތަކާ ކުރިމަތިވާތީ އެކަމަށް ފިޔަވަޅެއް އަޅުއްވާ ދެއްވުމަށް އެދިފައި ކަމަށް އިހްސާން ވިދާޅުވި އެވެ. ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައި ވަނިކޮށް މިނިސްޓަަރަށް ލިބުނު އެ ސިޓީ ކިޔުއްވުމަށް ފަހު "މިއީއޭ އަޅުގަނޑުމެން ސަލާމަތްވާނެ އެއްޗަކީ،" ތޮލްހަތު ވިދާޅުވި ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. .އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި "ލިބަޓީ ޝީލްޑް" އޮޕަރޭޝަނުގެ އިސް ކޮމާންޑަރަކަށް ކޮމާންޑް ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށެވެ.  އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ހުރިހާ ކޯޓުތަކުންނާއި މިނިވަން މުއައްސަސާތަކުން ނެރުނު އަމުރުތައް އަރުވާފައިވަނީ ތޮލްހަތަށް ކަމަށާއި އެއާމެދު ހަދަންވީ ގޮތެއް ނަޝީދަށް ގުޅުއްވާފައި ތޮލްހަތު އައްސަވަމުން ގެންދެވި ކަމަށް އިހުސާން ވިދާޅުވި އެވެ.  އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުގައި ހުރިކަން އޭނާގެ އާއިލާ އަށް އެންގުމަށް އެ ގެއަށް ވަޑައިގެންނެވި ސަދަން އޭރިޔާ ކޮމާންޑަރު އަބްދުއްރަހީމް އަބްދުއްލަތީފް ހެކި ބަސް ދެއްވަމުން މިރޭ ވިދާޅުވީ އެ ގެއަށް ވަޑައިގަތުމަށް އެންގެވީ ކާނަލް މުހައްމަދު ޒިޔާދު ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރަން އެންގެވީ މިނިސްޓަރު އަންގަވައިގެން ކަމަށް ޒިޔާދު ވިދާޅުވިކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ގިރިފުށީގައި ބަހައްޓާފައިވަނިކޮށް ތޮލްހަތު ވެސް އަބްދުﷲ ގާޒީއާ ބައްދަލުކުރައްވަން ވަޑައިގެންނެވި ކަމަށާއި އަދި އޭނާ ވެސް ގިރިފުއްޓަށް ދިއުމަށް ތޮލްހަތު އެންގެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިރޭ ޝަރީއަތް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މަދާމާ ތޮލްހަތުގެ ޝަރީއަތެއް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ