އެއްބަސްވުމުގައި ސޮއި ކުރީ ގައުމު އިސްލާހް ކުރުމުގެ ނިޔަތުގައި – މައުމޫން

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވީ މާތްﷲ ގެ ވާގިފުޅާއި އެކު ގައުމު އިސްލާހް ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އެމްޑީޕީ އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ސްޓޭމްޕް ވެސް ޖަހާފައިވާ އެއްބަސްވުމުގައި ރައީސް މައުމޫން ސޮއި ކުރެއްވީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ރައީސް މައުމޫންގެ ފެކްޝަނުން ވިދާޅުވެއެވެ. ނަމަވެސް ޕީޕީއެމް އިން ބުނެފައި ވަނީ ރައީސް މައުމޫން ސޮއި ކުރެއްވި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަބްދުލްރަހީމް ރޭ ވިދާޅުވީ "އެއީ ބާތިލު އެއްބަސްވުމެއް" ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ސޮއިކުރާނަމަ އަމަލުކުރަން ޖެހޭ އުސޫލުތަކެއްވެސް ވާނެ ކަމަށާއި، އެގޮތުން ޕީޕީއެމް ކައުންސިލްއަށް އެކަން ހުށަހަޅައިގެން ފާސް ކުރަން ޖެހޭ ކަމަށެވެ.
"އެނޫން ގޮތަކަށް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ބާރު ޕީޕީއެމް ރައީސަށް ވެސް ލިބިވަޑައެއް ނުގަންނަވާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އާއި ކުރީގެ ރައީސް ނަޝީދު އާއި ޖޭޕީގެ ލީޑަރު ގާސިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ސޮއި ކުރެއްވި އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ފަޅުތަކާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދައި ސިޔާސީ ހައްގުތައް ރައްކާތެރިކޮށް އިންތިހާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވައި ޕާޓީތަކުން އިިހްތިޔާރުކުރާ ކެންޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަކުރެވޭނެ ގޮތް ހަދަން އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ.
އަދި ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުންދާ އަދި ދައުވާ އުފުލި އަދި އުފުލުމުގެ މަގުމަތީގައިވާ މީހުންނަށް ހިމާޔަތް ދީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ނުހައްގުން ނިގުޅައިގެންފައިވާ މުއާމަލާތްތަކާއި މުދާ އަލުން އިޔާދަކުރުމަށް އެއްބަސްވުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ