އަފްރާޝިމް އަކީ ރާއްޖޭގައި މަދުން ނޫނީ ނެތް ފެންވަރުގެ އިލްމެވެރިއެއް: މައުމޫން

ޑރ. އަފްރާޝިމް އަލީ އަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނެތް ފެންވަރުގެ އިލުމެވެރި އެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ ތޫނުއެއްޗަކުން ހަމަލަދީ އަނިޔާވެރިގޮތަކަށް އަވަހާރަ ކޮށްލި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީއާ ބެހޭ ގޮތުން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ޑރ. އަފްރާޝިމް އަލީ އަކީ ވަރަށް ގިނަ ގޮތް ގޮތުން ވަރަށް މޮޅު ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނަކީ ދިނީ އިލްމުގެ ރޮނގުން ވަރަށް މޮޅަށް ކިޔަވައިގެން ހުންނެވި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނެތް ފެންވަރުގެ އިލުމެވެރިއެއް ކަމަށެވެ. އަދި ގެއްލިގެން އެދިޔައީ އެހާމެ ބޮޑު ޚިދުމަތްތެރިއެއްގެ އިތުރުން މޮޅު އުސްތާޒެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރޭގެ ހަމަލާ ކުށްވެރިކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެއީ ވަރަށްބޮޑު ޖަރީމާއެއް ކަމަށާއި އެކަމަކީ ރާއްޖޭގެ އަމަންއަމަންކަމާއި ސުލްހަ މަސަލަސްކަން ނަގާލުމަށް ބަޔަކު ކުރިކަމެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ޖަރީމާއެކޭ ވަރަށް ބޮޑު ކުށެކޭ ބަޔަކު މިކުރީ. މިއީ ދިވެހިރާއްޖޭގެ އަމަންއަމަންކަމާއި ސުލްހަ މަސަލަސްކަން ނަގާލުމަށް ބަޔަކު ކުރިކަމެކޭ. އެމަނިކުފާނުގެ އިލުމް މީސްތަކުންނަށް އުނގަންނައިދެއްވުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް. ޓިވީގެ ޒަރީއައިންނާއި އެނޫން ގޮތް ގޮތުން ވެސް. އަދި ކިޔަވައިދެއްވުމުގެ ގޮތުން ވެސް،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިހާރު ރާއްޖެ މިއޮތް ހާލަތު ބަދަލު ކުރުމަށް ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވައި ރައީސް މައުމުން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ފަސޭހަކަމާ އެކު ޝަރީއަތަށް ހުށަހެޅުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އެފަދަ ޖަރީމާތައް ހިންގުމަށް މެދުވެރިވާ ކަންތައްތައް ހުއްޓުވައި ހާއްސަކޮށް މަސްތުވާތަކެތީގެ ސަބަބުން ވެސް އެފަދަ ކަންތައްތައް އިތުރުވެގެންދާ ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި ހުރިހާ އެންމެން އެއްގޮތަކަށް މަސައްކަތްކުރަންވާނެ. އެއީ ދައުލަތާއި ރައްޔިތުންގެ މަޖިލީހާއި އަޅުގަނޑުމެން ކަހަލަ މީހުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އާންމު ރައްޔިތުންނާ އަދި ސަލާމަތީބާރުތަކާ މިހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި މަރަށްމަރުހިފުމަކީ މި މައްސަލައަށް އޮތް ހައްލެއްތޯ ސުވާލު ދެއްނެވުމުން މައުމޫން ވިދާޅުވީ އެގޮތަށް އަމަލު ކުރުމަކީ އެއްކަމެއް ކަމަށާއި ނަމަވެސް ވިސްނަން ޖެހޭނީ އެއަށް ވުރެ ފުޅާކޮށް ކަމަށެވެ. އަދި ހަމައެކަނި ކުށުގެ އަދަބުދިނުމުން ކުށްކުރުން މަދުކުރެވިދާނެ ކަމަށް ނުދެކޭ ބަޔަކު ވެސް އުޅޭ ކަމަށެވެ.
"އެގޮތަށް އަމަލު ކުރުމަކީ އެއްކަމެއް، އެކަމަކު ވިސްނަން ޖެހޭނީ އެއަށްވުރެ ފުޅާކޮށް. އަދި ހަމައެކަނި ކުށުގެ އަދަބު ދިނުމުން ކުށްކުރުން މަދުކުރެވިދާނެ ކަމަށް ނުދެކޭ ބަޔަކު ވެސް އުޅޭ. އެހެންވީމާ ކުށްކުރަނީ ކީއްވެތޯއާއި ކުށްކުރާ ސަބަބުތަކާއި އެކަމަށް ހިތްވަރުދެނީ ކޮންބައެއް ކިހިނެތްތޯ އެބަ ބަލަންޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަފްރާޝިމް އަވަހާރަކޮށްލުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަފްރާޝިމް އަވަހާރަކޮށްލުމުގެ ސިހުމުގައި މިރާއްޖެ ކުރާނެ އަސަރު އެމަނިކުފާނަށް އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެހިތާމައިގައި ރައްޔިތުންނާ އެކު ބައިވެރިވާކަން ވެސް ވަނީ ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ