އިމްރާން ޖަލަށް ގެންދިއުމުން މައުމޫން އާއި ނަޝީދު ފާޑުވިދާޅުވެއްޖެ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ގެންދިއުމުން ކުރީގެ ދެރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ރައީސް މައުމޫން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ނުޙައްޤުން ދޭ އަނިޔާތައް ހުއްޓާލުމަށް ވެސް ގޮވާލާފައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާން ޖަލަށް ގެންދިއުމަކީ އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީން ހިންގެވި ފިނޑި އަމަލެއް ކަމަށާއި ރައީސް ޔާމީން އެގޮތަށް އަމަލު ކުރެއްވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އިމްރާން ދިރިއުޅުއްވާ ގެއަށް ގޮސް އިމްރާން ޖަލަށް ގެންދިޔައީ ރޭ 22:00 ހާއިރުއެވެ.
އިމްރާން ރޭ ޖަލަށް ގެންދިޔައިރު އިމްރާން 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން އިއްޔެ ވަނީ ތާއިދު ކޮށްފައެވެ.
މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އިމްރާން ޖަލަށް ލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ. އޭނާ ރޭ ކުއްލި ގޮތަކަށް ޖަލަށް ގެންދިޔައީ ކީއްވެ ކަމެއް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ