ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، ސަލާމަތީ ބާރުތަކުން އެކަހެރިކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ ފުރިހަމަކުރަން ޖެހޭ ހުރިހާ ފަރާތްތަކެއްގެ ބަޔާންތައް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އެކި ފަރާތްތަކުން އޭރުގެ ސަރުކާރަށް އައި ޕްރެޝަރުތަކާ އެކު ވެސް 22 ދުވަސް ވަންދެން އޭނާ އެކަހެރިކޮށްފައި ބެހެއްޓި އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ވެސް ފުލުހުން އެދުނެވެ. އެކަމަކު ބަޔާން ދެއްވުމަށް ނަޝީދު އިންކާރުކުރެއްވުމާ ގުޅިގެން، އޭނާގެ ބަޔާނާ ނުލައި ތަހުގީގު ނިންމާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ފުލުސް އޮފީހަށް ހާޒިރުކުރެއްވުމުން އޭނާ ވިދާޅުވެފައި ވަނީ ގާޒީ ހައްޔަރުކުރުމަށް އެމްއެންޑީއެފްގައި އެދިވަޑައިގެންނެވީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން ބުނާތީ، ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.
އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅު މައްސަލަ ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ރިޕޯޓް އާއްމުކުރާނެ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ޕީޖީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ